އިންސާނުންގެ އިސްތަށިން ސްވެޓަރު ހަދަނީ!

އިންސާނުންގެ އިސްތަށީން ހަދާފައިވާ ސްވެޓަރެއް ---

އިންސާނުންގެ ބޮލުގެ އިސްތަށި ބޭނުންކޮށްގެން ސްވެޓާ ހަދައި ފެޝަންގެ ތެރޭގައި ބޭނުން ކުރުމަށް ޑަޗް ސްޓާޓަޕަކުން މަސައްކަތް ފަށައިފިއެވެ.

ޑަޗް ކުންފުންޏެއް ކަމަށްވާ ހިއުމަން މެޓީރިއަލް ލޫޕުން ގަބޫލު ކުރާ ގޮތުގައި އިންސާނުންގެ ބޮލުގެ އިސްތަށްޓަކީ ވަރަށް ގިނަ ފަހަރަށް ކޮށައިލުމަށް ފަހު އިސްރާފު ވެގެން ދާ އެއްޗެކެވެ. ނަމަވެސް އިސްތަށީގައި ހުންނަ ކެރަޓިން ޕްރޮޓީން ފައިބާ އަކީ މީހާގެ ހަށިގަނޑު ފަސޭހައިން ހޫނުކޮށް ބަހައްޓައިދިނުމަށް އެހީތެރިވާ އެއްޗެއް ކަމަށް އެ ކުންފުނިން ގަބޫލު ކުރެއެވެ.

އެހެންވެ، އެކި ކަހަލަ ހެދުންތަކަށް އިސްތަށި ބޭނުން ކުރުން ބުއްދިވެރި ވާނެ ކަމަށް ކުންފުނިން ގަބޫލު ކުރެއެވެ.

ކުންފުނީގެ ކޯ ފައުންޑަރު ސޯފިއާ ކޮލާ ބުނާ ގޮތުގައި ފެބްރިކްގެ ގޮތުގައި އިންސާނުންގެ ބޮލުގެ އިސްތަށި ބޭނުން ކުރުމަކީ އަބަދު ވެސް އުފެދިފައިވާ ހިޔާލެކެވެ. ނަމަވެސް މި ކަމާ ގުޅޭގޮތުން އާންމުންގެ މެދުގައި ބައެއް ކަހަލަ ހިޔާލު ތަފާތުވުންތަކެއް އޮތް ކަމަށް އޭނާ ބުނެއެވެ.

އެންމެ ފަހުން ކޮވިޑްގެ ތެރޭގައި އެކި މަސައްކަތް ހުއްޓުނު އިރު ފެޝަން އިންޑަސްޓްރީއަށް އިސްތަށި ކުޅޭނެ މުހިއްމު ރޯލު އިތުރަށް ދިރާސާ ކުރަން ފެށި ކަމަށް އޭނާ ބުންޏެވެ.

ހިއުމަން މެޓީރިއަލް ލޫޕުން ބުނާ ގޮތުގައި ކޮންމެ އަހަރެއްގެ މައްޗަށް ޔޫރަޕުގެ ކުނިގޮނޑުތަކަށް 72 މިލިއަން ކިލޯގްރާމާ ގާތް ކުރާ އަދަދަކަށް އިސްތަށި އުކައިލައެވެ. މިއީ ތަފާތު ގޮތަކަށް ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް އެ ކުންފުނިން ގަބޫލު ކުރެއެވެ.

މި ވިސްނުމާ އެކު ސެލޫންތަކުން ބޭކާރުވާ އިސްތަށިތައް އެއްކޮށްގެން ސްވެޓާ ފަދަ ތަކެތި ހެދުމުގެ މަސައްކަތް ފެށިއެވެ. އެހެން މެޓީރިއަލް އެކޭ އެއްގޮތަކަށް އިސްތަށި ވެސް ޔާން ހަދައި އެއިން ސްވެޓާ ހެދޭނެ ކަމަށް ކޮލާ ބުނެއެވެ.

މިހާތަނަށް މިގޮތަށް ތަފާތު އެކި ކަހަލަ ޕްރޮޓޯޓައިޕްތައް ތައްޔާރުކޮށްފައިވާއިރު އެއިން ފެންނަ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ކުންފުނިން އިޝާރާތް ކުރެއެވެ. ނަމަވެސް މި ކަމަކީ އާންމުންގެ ތެރޭގައި އަދި އެހާ ބަލައިގަނެވޭ ކަމަކަށް ނުވާތީ އާންމުންނަށް އަދި ވިއްކަން ފަށާފައެއް ނުވެއެވެ.

އެކަމަކު ކުރިއަށް އޮތް ތަނުގައި އާންމުން ހޭލުންތެރިކޮށް މި ތަކެތި މާކެޓަށް ނެރުމަށް މަސައްކަތްތައް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް