ރާޅާއެޅުމުގެ ވިޔަފާރީގައި އިސްރާއީލު މީހުން އުޅޭ، އެކަން ހުއްޓުވައިދީ: އެމްބީބީއޭ

"ރާޅު ރާއްޖެ" އިއުލާންކުރުމަށް ބޭއްވި ހަފުލާގައި އެމްބީބީއޭގެ އިސްވެރިން -- ފޮޓޯ/ ރަމޮން ކަމަލްދީން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާޅާއެޅުމުގެ ވިޔަފާރީގެ ތެރޭގައި އިސްރާއީލު މީހުން އުޅޭ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި އެހީތެރިކަން ބޭނުންވާ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުނެފިއެވެ.

އެމްބީބީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް އެ އެސޯސިއޭޝަނުންނާއި ރާޅާއަޅާ އާއިލާއިން ކުށްވެރިކޮށް އެކަންތައް ހުއްޓުމަށް ގޮވާލާ ކަމަށެވެ.

"ފަތުރުވެރިކަމުގެ ސިނާއަތުގައި ފޮރުވިގެން ނަމަވެސް، ރާޅާއެޅުމުގެ ތެރޭގައި އިސްރާއީލު މީހުން އުޅޭކަން ފާހަގަކުރަމެވެ. މިކަންކަން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގެ ރިސޯޓު ހިންގާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ވިޔަފާރިތަކާއި ސަފާރީ އޮޕަރޭޓަރުންނާއި އަދި ޓުއާ އޮޕަރޭޓަރުންގެ އެހީތެރިކަން ބޭނުންވެއެވެ..،" އެމްބީބީއޭގެ ބަޔާނުގައި ބުންޏެވެ.

އެމްބީބީއޭއިން ބުނީ އިސްރާއީލުގެ ރާޅާއަޅަން އަންނަ ފަތުރުވެރިންގެ ފަރާތުން އެތަކެއް ނޭދެވޭ އަމަލުތަކެއް ރާއްޖޭގެ ރާޅާ އެޅުންތެރިންނަށާއި އެހެން ގައުމުތަކުގައި ރާޅާ އެޅުންތެރިންނަށް ކުރިމަވެތިވެފައިވާ ކަމަށާއި އަހުލާގީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މި އެސޯސިއޭޝަނުން ދިވެހިރާއްޖޭގެ ސަރުކާރަށް މި އެދެނީ އިސްރާއީލުގެ ފަތުރުވެރިންނާއި އަދި އެހެނިހެން މީހުން ރާއްޖެ އެތެރެވުން މަނާކުރެވޭނެ ޤަރާރެއް ވީއެންމެ އަވަހަކަށް ނެރުމެވެ..،" ބަޔާނުގައި ބުންޏެވެ.

އެމްބީބީއޭއިން އިތުރަށް ބުނީ އިސްރާއީލުގެ އެ އަނިޔާވެރިކަން ހުއްޓުވުމަށް ކުރެވެން ހުރި އިތުރު ކަންކަންކޮށް، ދިވެހި ދައުލަތް ފަލަސްތީނުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށްދީ އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ގޮތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.

އެމްބީބީއޭ އަކީ ދުނިޔޭގެ ފެންވަރުގެ ބޮޑީބޯޑިން މުބާރާތްތައް ރާއްޖޭގައި ބާއްވާ ކާމިޔާބު ކުޅިވަރު އެސޯސިއޭޝަނެވެ. އެ މުބާރާތްތަކުގައި ވާދަކުރުމަށް ދުނިޔޭގެ ފެންވަރުގެ އެތަކެއް ބޮޑީބޯޑަރުންނެއް ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

comment ކޮމެންޓް