ހޮޅުދޫއިން ޑރ. މުއިއްޒަށް ބޮޑު އުފާވެރިކަމެއް، މަރުހަބާ ކިޔަން ހުންނެވީ މަންމަ!

ޑރ. މުއިއްޒު އޭނާގެ މަންމާފުޅާ ސަލާންކުރައްވަނީ -- ފޮޓޯ: އެލީޒް

(ނ. ހޮޅުދޫއިން، ޢާލިމް އަބްދުއްލަތީފް)

އަތޮޅުތެރެއަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދުގެ ހަތަރުވަނަ ރަށަކަށް ވަޑައިގެންނެވީ، ނ. ހޮޅުދުއަށެވެ.

އެހެން ރަށްތަކޭ އެއްފަދައިން، މި ރަށަށް ފައިބައިވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރެއްވިއެވެ. ކުއްލިއަކަށް، އޭނާގެ މޫނުން ފެންނަންހުރި ހިނިތުންވުން މާ ބޮޑަށް ފާޅުވިއެވެ.

"އެއީ ޑރ. މުއިއްޒުގެ މަންމަ،" ކައިރީގައި ހުރި ހޮޅުދޫގެ ރައްޔިތަކު ބުންޏެވެ.

ސަލާންކުރަން ދިޔަ ސަޕޯޓަރުންގެ ތެރޭގައި މަންމާފުޅު ހުންނެވުމުން މުއިއްޒަށް ލިބުނު އުފާވެރިކަން ބޮޑެވެ. އެ ކަން އޭނާގެ މޫނުފުޅުން ވެސް ދޭހަވެއެވެ.

ޑރ. މުއިއްޒު އޭނާގެ މަންމާފުޅާ ސަލާންކުރައްވަނީ -- ފޮޓޯ: އަބްދުﷲ ޝަފްރާޒް

މުއިއްޒުގެ މަންމާފުޅު ނިސްބަތްވަނީ މާލެއަށެވެ. އެހެން ނަމަވެސް، އޭނާ ކައިވެނި ބައްލަވައިގެން މިހާރު އުޅުއްވަނީ މި ރަށުގެ މީހަކާއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވާ އޭނާގެ އިހްސާސްތައް ކިޔައިދެެއްވަމުން މުއިއްޒުގެ މަންމާފުޅު ވިދާޅުވީ، މުއިއްޒަށް ލިބެމުންދާ ތާއިދަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

"ވަރަށް އުފާވޭ. ވަރަށް ވަރަށް އުފާވޭ. އިރާދަކުރެއްވިއްޔާ ހަމަ އެއްބުރުން،" މުއިއްޒުގެ މަންމާފުޅު ވިދާޅުވިއެވެ.

އިތުރަށް، ވިދާޅުވީ މުއިއްޒު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ފުރިހަމަ ޔަގީންކަން އެބައޮތް. ވަރަށް ޔަގީން ހަަމަ. ވަރަށް ރަނގަޅު، ވަރަށް ވަރަށް ރަނގަޅު ކުއްޖެއް އެއީ،" މުއިއްޒުގެ މަންމާފުޅު ވިދާޅުވިއެވެ.

އޭނާ އެދިވަޑައިގެންނެވީ ހުރިހާ ރައްޔިތުން ވެސް އިންތިޚާބުގައި މުއިއްޒަށް ވޯޓު ދެއްވުމަށެވެ.

މިއަދު ހޮޅުދުއަށް މުއިއްޒު ވަޑައިގެންނެވިއިރު، ގިނަ އަދަދެެއްގެ ބަޔަކު އޭނާއަށް މަރުހަބާ ކިޔަން ނުކުމެ ތިއްބެވެ.

comment ކޮމެންޓް