ތައިލެންޑް ކޭމްޕާއެކު ހޭންޑްބޯލް ޓީމަށް ކުރިއެރުން ލިބޭނެ!

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑްބޯލް ޓީމު -- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

މި މަހުގެ 25 ވަނަ ދުވަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ތައިލޭންޑްގައި ކޭމްޕުން ގައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯލް ޓީމުން ކުރިއެރުން ހޯދައި، ޓީމު އޮތީ މެޑައްޔެއް ހޯދުމަށް ތައްޔާރަށް ކަމަށް އެ ޓީމުތަކުގެ މެނޭޖަރުން ބުނެފިއެވެ.

ގައުމީ ހޭންޑްބޯލް ޓީމުން މުބާރާތައް ތައްޔާރުވަމުން އަންނަނީ ސާބިއާގެ ކޯޗު ބްރަސްޓްލޯ ސިމަނޮވިޗްގެ އިރުޝާދުގެ ދަށުންނެވެ. އައިއޯއައިޖީއަށް ތައްޔާރުުވުމުގެ ގޮތުން ހޭންޑްބޯލް ޓީމުން ތައިލެންޑުގައި ދިހަ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދިޔައެވެ.

ޓީމް މޯލްޑިވްސް މީޑިއާއަށް ދިން އިންޓަވިއުގައި ގައުމީ ފިރިހެން ޓީމުގެ މެނޭޖަރު ހައިޝަމް ބުނީ ދުވަހުން ދުވަހަށް ކުޅުންތެރިންނާ ވާހަކަދައްކައި މުބާރާތަށް ކުޅުންތެރިން ވަމުން އަންނަ ތައްޔާރީތައް ބަލަމުން އަންނަ ކަމަށެވެ.

ހައިޝަމް ބުނީ މަޑަގަސްކަރާގައި މުބާރާތް އޮންނަކަން އެނގުނު ހިސާބުން ކުޅުންތެރިންނަށް ގިނަ ކަންކަން ވިސްނައިދޭން ޖެހުނު ކަމަށެވެ. ހާއްސަކޮށް މަޑަގަސްކަރައިގައި ބޭނުންވާ ހުރިހާ އެއްޗެއް ކާން ނުލިބޭނެ ކަމަށާއި، އެތަނުގެ ހާލަތު ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށް ބުންޏެވެ. އެހެންނަމަވެސް ކުޅުންތެރިންގެ އަމާޒަކަށް ވާންވާނީ ދަތި ހާލުގައި ނަމަވެސް މެޑަލް ހޯދުން ކަމަށް ހައިޝަމް ބުންޏެވެ.

ހައިޝަމް ބުނީ ތައިލެންޑް ކޭމްޕަށް ފަހު ހޭންޑްބޯލް ޓީމުން އަންނާނީ މެޑަލް ހޯދުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ހޭންޑްބޯލް ޓީމު -- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ގައުމީ ކޯޗު ސްމޮނޮވިޗް ބުނީ އަންހެން އަދި ފިރިހެން ޓީމުން ވަމުން އަންނަ ތައްޔާރީތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި، ހާއްސަކޮށް ކުޅުންތެރިން ފަރިތަކުރުންތަކުގައި ދައްކާ ހިތްވަރާއެކު އަންހެން އަދި ފިރިހެން ހޭންޑްބޯލް ޓީމުތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ސްމޮނޮވިޗް ބުނީ ރާއްޖޭގައި ހޭންޑްބޯލް އިންޑޯ ކޯޓެއް ނެތުމުން އެކަމުގެ އުނދަގޫތަކެއް އެބަހުރި ކަމަށާއި، އެގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު ވިއްސާރަނަމަ ފަރިތަކުރުން ކެންސަލް ކުރަން ޖެހުން ފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ.

އައިއޯއައިޖީއަށް ނުކުންނަ އިރު، ދެންހުރި ޓީމުތަކުގެ ފެންވަރު ކޮންމެވެސް ވަރަކަށް އެނގޭ ކަމަށާއި، އެގޮތުން ރިޔޫނިއަން އަކީ ފްރާންސް ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ. އަދި ދެން ހުރި ޓީމުތަކުގެ ފެންވަރު އެންމެ ރަނގަޅަށް އެނގޭނީ ފުރަތަމަ މެޗަށްފަހު ކަމަށް ސްމޮނޮވިޗް ބުންޏެވެ.

ގައުމީ އަންހެން ޓީމުގެ މެނޭޖަރު ޒުލޭޚާ އިބްރާހީމް ބުނީ ކުރިން ކުޅުންތެރިއަކަށް ގައުމީ ޓީމުގައި ހުރި އިރު، ދިމާވި އެންމެ ބޮޑު ދަތިކަމަކީ ރަނގަޅު ކޯޗެއް ނެތުން ކަމަށެވެ. އެކަމަކު މިފަހަރުގެ މުބާރާތަށް މި ނުކުންނަނީ ފެންވަރު ރަނގަޅު ކޯޗަކާއެކު، ރަނގަޅު ފަރިތަކުރުންތަކަކާއެކުގައި ކަމަށެވެ.

ޒުލޭޚާ ބުނީ އައިއޯއައިޖީގެ ކުރިން ތައިލެންޑުގައި ކުރިއަށްދާ ޓްރެއިނިންގްއާއެކު، ޓީމަށް ބޭނުންވާ ކާމިޔާބީއަށް ވާސިލްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެގޮތުން ހޭންޑް ބޯލް ޓީމުގެ އަމާޒަކީ މި މުބާރާތުގައި މެޑަލް ހޯދުން ކަމަށް ޒުލޭޚާ ބުންޏެވެ.

އެންމެ ކުރިއާ ބަލައި މިހާރު ގިނަ ކަންކަން ރަނގަޅު ކަމަށާއި، އެގޮތުން މިހާރު ގިނަ ފެސަލިޓީތަކެއް އެބަހުރިކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު އިންޑޯ ކޯޓެއް ނެތުމުން ގިނަ ފަރިތަކުރުންތަކެއް އަދިވެސް ކުޅުންތެރިންނަށް ގެއްލޭ ކަމަށް ޒުލޭޚާ ބުންޏެވެ.

"ވަރަށް ސްޓްރެއިޓް ފޯވާޑް ހޭންޑްބޯލް ޓީމުގެ ޓާގެޓް. ޓާގެޓަކީ ހަމަ މެޑަލް ހޯދުން," އޭނާ ބުންޏެވެ.

މުބާރާތުގެ ކުރިން އަންހެން އަދި ފިރިހެން ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިން ބުނީ އަމާޒަށް ވާސިލުވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އެގޮތުން ފަރިތަކުރުންތައް ފެށިއިރާ ބަލައި މިހާރު ހުރިހާ ގޮތަކުންވެސް ޓީމަށް ކުރިއެރުންތައް ލިބިފައިވާ ކަމަށް ކުޅުންތެރިން ފާހަގަކުރިއެވެ. އަދި އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެއަށް ރަނގަޅު ފައިޓެއް ދެވޭނެ ގައުމުތަކެއް ކަމަށް ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ހޭންޑްބޯލް ޓީމުން ވާދަކުރި އައިއޯއައިޖީގެ ފުރަތަމަ މުބާރާތަކީ 2015 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި މުބާރާތެވެ.

comment ކޮމެންޓް