ބާރުގަދަ ތޫފާން 'މޮކާ' ގެ މިސްރާބު ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް

ބަންގްލަދޭޝްގައި ހުންނަ ރޮހިންގްޔާގެ ރެފިއުޖީ ކޭމްޕް -----

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ސައިކްލޯން "މޮކާ" ގެ ބާރު ގަދަވެ، ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕާ ދިމާއަށް ދަތުރު ކުރަމުންދާ ކަމަށް މޫސުމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކުން ބުނެފިއެވެ.

މިއީ މި އަހަރު ބޭގައި އުފެދުނު ފުރަތަމަ ތޫފާނެވެ. މި ތޫފާން މިއަދު ބަންގްލަދޭޝްގެ ބޯޑަރު ކައިރީގައި އޮންނަ މިޔަންމާގެ ހުޅަނގުގެ ރަކީން ސްޓޭޓަށް ފޯރާއިރު، އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

ޖޮއިންޓް ޓައިފޫން ވޯނިން ސެންޓަރުން ބުނީ މި ތޫފާން މިހާރު އެއް ވަނަ ކެޓެގަރީގެ އެޓްލާންޓިކް ތޫފާނަކާ އެއްވަރު ކަމަށާއި، ދަތުރު ކުރަމުން ދަނީ ގަޑިއަކު ހަތް މޭލުގެ ބާރު މިނުގައި ކަމަށެވެ.

މާދަމާ ހެނދުނު ތޫފާން އަރާނެ ކަމަށް ލަފާކޮށްފައި ވާއިރު، އޭގެ ކުރިން ގަޑިއަކު 137 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އެޖެންސީން ބުނެއެވެ. އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިންނަށާއި ޓްރޯލާތައް ބޭއަށް ދަތުރު ނުކުރުމަށް އިންޒާރު ދީފައެވެ.

ތޫފާން 'މޮކާ' ގެ މިސްރާބު

ތޫފާން އަރާ ވަގުތު 2.5 މީޓަރަށް އުދަ އަރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވާއިރު، ތޫފާން ދަތުރު ކުރާ މަގުގައި ހުންނަ އައްސޭރި ފަށުގެ ސަރަހައްދުތަކަށް އުދަ އެރައި ފެން ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.

އެ ސަރަހައްދުގެ ތެރޭގައި 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ހަމަނުޖެހުންތަކުގައި އަނިޔާވެރިކަމުން ސަލާމަތްވި ދައުލަތެއް ނެތް ރޮހިންޖާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ހިމެނެއެވެ. އެ ސަރަހައްދުގައި އެއް މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުންދާއިރު އެއީ ގަދަ ވަޔާއި ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑު ހިސާބެކެވެ.

މީގެ އިތުރުން، ބޭ އޮފް ބެންގާލްގެ އެކަހެރި އަދި ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ސަރަހައްދެއް ކަމަށްވާ ބަސަން ޗާރުގައި ތިބި އެތައް ސަތޭކަ ރޮހިންޖާ ރެފިއުޖީންނަށް ވެސް ތޫފާނުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ތޫފާން އަރާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގައި އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން މިހާރު ދަނީ ތައްޔާރީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. ބަންގްލަދޭޝްގައި ހުންނަ އދ.ގެ ރެފިއުޖީ އެޖެންސީން ކުރި ޓުވީޓެއްގައި ބުނީ ސަރުކާރާއި ލޯކަލް އެއިޑް އެޖެންސީތަކާ ގުޅިގެން ކޭމްޕްތަކާއި ބަސަން ޗާރުގައި އިމަޖެންސީ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އަވަށްޓެރި މިޔަންމާގެ ރަކީން ސްޓޭޓާއި އަޔެޔަރްވާޑީ ސަރަހައްދުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ ތޫފާން އަރާނެ ކަމަށް ލަފާކުރެވޭތީ ގެދޮރު ހުސްކޮށް ހިޔާވަހިކަން ހޯދަން ފަށާފައި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިޔަންމާގެ ވެރިކަން ކުރާ ޖުންޓާއިން ތޫފާނުގެ އިންޒާރުތައް ނެރެފައިވާއިރު، ކުރިމަތިވެދާނެ ކާރިސާއަކާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތައް ތައްޔާރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅަން ފަށާފައެވެ.

މިޔަންމާއަށް އެންމެ ފަހުން އެރި ޓްރޮޕިކަލް ސައިކްލޯނަކީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އުފެދުނު ތޫފާން "މާރޫތާ" އެވެ. އެ ތޫފާނުގައި ގަޑިއަކު 58 މޭލު ބާރުމިނުގައި ވައިގަދަވެ، ބޯކޮށް ވާރޭވެހި، ގާތްގަނޑަކަށް 100 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

comment ކޮމެންޓް