''ޣައްޒާގައި ވެރިކަންކުރާ ބަޔަކު ނިންމާނީ އިނގިރޭސީންނެއް ނޫން''

މޫސާ އަބޫ މަރުޒޫގު

ޣައްޒާ (06 މޭ 2024): ޣައްޒާގައި ވެރިކަންކުރަންޖެހޭ ފަރާތް ކަނޑައެޅުމުގެ ބާރު އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމެރޮންއަށް ދިނީ ކޮންފަރާތަކުންތޯ ސުވާލުކޮށް ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިނގިރޭސި ޚާރިޖީ ވަޒީރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ހަމާސްގެ އިސްވެރިއެއް ކަމަށްވާ މޫސާ އަބޫ މަރުޒޫގު ވިދާޅުވީ ޣައްޒާއަކީ ފަލަސްތީނުގެ ސަރަހައްދެއް ކަމުގައެވެ. އަދި، ޣައްޒާގައި ވެރިކަންކުރާ ފަރާތް ކަނޑައަޅާނީ އިނގިރޭސިވިލާތް، އެމެރިކާ އަދި އިސްރާއީލު ނޫން ކަމަށާއި އެކަންކުރާނީ ފަލަސްތީނުގެ ރައްޔިތުން ކަމުގައެވެ.

މޫސާ އަބޫ މަރުޒޫގު ވިދާޅުވި ގޮތުގައި އިނގިރޭސި ޚާރިޖީ ވަޒީރު ކެމެރޮން އުޅުއްވަނީ ވަރަށް ބޮޑަށް ފެންވަރު އޮޅިވަޑައިގެންނެވެ. ޣައްޒާއަކީ އިނގިރޭސިވިލާތުގެ ބައެއްކަމަށް ކެމެރޮންއަށް ހީކުރެއްވޭނަމަ އޭނާ އެ ހުންނެވީ ވާނުވާނޭނގޭ ހާލަތެއްގައި ކަމަށް ވެސް މޫސާ އަބޫ މަރުޒޫގު ވިދާޅުވިއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމެރޮން ގެންދަވަނީ ޣައްޒާގައި ދެން ވެރިކަން ކުރަންޖެހޭނީ ހަމާސް ނޫންފަރާތަކުން ކަމަށް ވިދާޅުވެ، ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ. އަދި، ޣައްޒާގައި ވެރިކަންކުރުމުގެ އެއްވެސް ފުރުސަތެއް ދެން ހަމާސްއަށް ދީގެން ނުވާނެ ކަމަށް ވެސް ޑޭވިޑް ކެމެރޮން އެ ތަކެއް ފަހަރުވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފުތާގައި ކެމެރޮން ސައޫދީއަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް ޣައްޒާގައި ވެރިކަންކުރުމުގެ ފުރުސަތުން ހަމާސް މަހުރޫމު ކުރަންޖެހޭކަމަށް ވިދާޅުވެ، ކެމެރޮން ގަދަބަސް ވިދާޅުވެފައިވެއެވެ. ނަމަވެސް އެންމެ ފަހުން ފަލަސްތީނުގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކޮށް ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ހޯދި ޖަމާއަަތަކީ ވެސް ހަމާސް ޖަމާއަތެވެ.

ފަލަސްތީނުގައި އެންމެ ފަހުން އިންތިޚާބެއް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ. އެ އިންތިޚާބު ކާމިޔާބުކުރީ ހަމާސް ޖަމާއަތުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ދުވަސްވަރު ފަލަސްތީނުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުކޮށްފައިވަނީ ހަމާސްގެ އިސްވެރިއެއް ކަމަށްވާ އިސްމާއީލް ހަނިއްޔާއެވެ.

ނަމަވެސް ހަމާސްއަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތަކަށްވާތީ އެމެރިކާއާއި އިސްރާއީލާ އަދި އިނގިރޭސިވިލާތްފަދަ ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފިއްތުންތައް ކުރިމަތިކޮށްގެން 2007 ވަނަ އަހަރު އިސްމާއީލް ހަނިއްޔާގެ ސަރުކާރު ވައްޓާލައި ހަނިއްޔާ ވަނީ ބޮޑުވަޒީރުކަމުން ދުރުކޮށްފައެވެ.

ފަލަސްތީނުގެ މިނިވަންކަމުގެ ކޮންމެ ހަރަކާތަކީ އެމެރިކާއާއި އިސްރާއީލާ އަދި އިނގިރޭސިވިލާތުގެ ނަޒަރުގައި ޓެރަރިޒަމްގެ އަމަލެކެވެ. ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަަމަށް މި ތިން ގައުމުން ސިފަކުރަނީ ހަމާސްއިން އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުން ގެންދާތީއެވެ. ނަމަވެސް، އިސްރާޢީލުން ހިންގާ ފަލަސްތީނު އާންމުން މެރުމުގެ ޖަރީމާތަކާއި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތުން ގެންދަނީ ދިފާއުކޮށް އެކަ މަށް އެހީތެރިވަމުންނެވެ.

ކުރިން 2007 ވަނަ އަހަރު އިންތިޚާބުކުރި ފަލަސްތީނުގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ މަގާމުން ދުރުކުރުމަށްފަހު ރައީސް އައްބާސް ފަލަސްތީނުގެ ބޮޑުވަޒީރުކަމަށް އައްޔަންކުރައްވަމުން ގެންދަވަނީ އިންތިޚާބުނުކުރާ ބޮޑުވަޒީރުންނެވެ. ޑިމޮކްރެޓިކް ގޮތުން އިންތިޚާބުކޮށްފައިވާ ފަލަސްތީނުގެ ބޮޑުވަޒީރު ސިޔާސީ ބޭނުމެއްގައި މިގޮތް މަގާމުން ދުރިކުރީ ޑިމޮކްރަސީގެ ނަމުގައި ވާހަކަދައްކާ އެމެރިކާއާއި ޔޫރަޕްގެ އެދުމުގެ މަތިންކަމަށް ހަމާސުންވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް ހަމާސުންވަނީ އެ ޖަމާއަތަށް ނިސްބަތްވާ ފަލަސްތީނުގެ އިންތިޚާބީ ބޮޑުވަޒީރު މިގޮތަށް މަގާމުން ދުރުކުރުމުން 2007 ވަނަ އަހަރު، ރައީސް މަހުމޫދު އައްބާސްގެ ވެރިކަމުގެ ބާރުތައް ޣައްޒާއިން ފައްސާލައި ޣައްޒާގައި އެ ޖަމާއަތުގެ ވެރިކަމެއް ގާއިމްކޮށްފައެވެ. އެ ދުވަސްވަރުން ފެށިގެން ޣައްޒާގައި ވެރިކަންކުރަމުން ގެންދަނީ ހަމާސް ޖަމާއަތުންނެވެ. ނަމަވެސް އިސްރާއީލު ކޮންޓްރޯލްކުރާ ހުޅަނގު އައްސޭރީގައި ވެރިކަންކުރަނީ މަހްމޫދު އައްބާސްގެ ވެރިކަމުގެ އިދާރާއިންނެވެ.

ޢައްބާސްގެ ސަރުކާރުގެ ބޮޑުވަޒީރަކަށް އޭގެ ފަހުން ހުންނަވަނީ ފަތްހު ޖަމާއަތަށް ނިސްބަތްވާ އިންތިޚާބުނުކުރާ ބޮޑުވަޒީރެކެވެ. ރައީސް އައްބާސްގެ ވެރިކަމުގެ އިންތިޚާބީ ދައުރު ހަމަވެފައިވާތާ މިހާރުވަނީ 18 ވަރަަކަށް އަހަރުވެފައެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލު ކުރާ ހަނގުރާމައާއި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގައި ހަމާސް އަސްކަރީ ގޮތުން ބަލިކުރުމަށް އިސްރާއީލުވަނީ ނުކުޅެދިފައެވެ. ޣައްޒާއަށް ދޭ ހަމަލާތަކުގައި އިސްރާއީލު އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ހަމާސްގެ މަދަނީ ވެރިކަން ޣައްޒާއިން ނައްތާލުމެވެ.

އެމެރިކާއާއި އިނގިރޭސިވިލާތްފަދަ އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރިޒަމަށް އެހީތެރިވާ ހުޅަނގުގެ އެހެން ގައުމުތަކުގެ އެއް މަގުދަސަކީ ވެސް މިއެވެ. ޣައްޒާގެ ވެރިކަމުން ހަމާސް ދުރުކުރުމެވެ. ނަމަވެސް ޣައްޒާއިން 34،000 މީހުން ޝަހީދުކޮށްލައި ޣައްޒާގެ ހޮސްޕިޓަލްތަކާއި މަދަނީ އިމާރާތްތައް ބިމާ ހަމަކޮށްލުމުގައި އިސްރާއީލު ކާމިޔާބު ހޯދި ނަމަވެސް ހަމާސް ޖަމާއަތް އަސްކަރީގޮތުން ބަލިކުރުމުގައާއި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން ގަދަބާރުން މިނިވަންކުރުމާއި ޣައްޒާގައިވާ ހަމާސްގެ ވެރިކަން ވައްޓާލުމުގައި އިސްރާއީލަށް އަދިވެސް އެއްވެސް ކާމިޔާބެއް ނުލިބެއެވެ.

comment ކޮމެންޓް