ކުޑަކުދިންނަށް ލިބިފައިވާ ޙައްޤުތަކާއެކީ ޒިންމާތަކެއް ވެސް ވޭ: ފަޒްނާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު: ކުޑަކުދިންނަށް ލިބިފައިވާ ޙައްޤުތަކާއި އެކު ޒިންމާތަކެވެސް ވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަށް ލިބިފައިވާ ޙައްޤުތަކާއި އެކު ޒިންމާތަކެއް ވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ ފަޒްނާ މިފަދައިން ވިދާޅުވެފައި ވަނީ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ފަޒްނާ ވިދާޅުވީ, ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމުގައެވެ. އަދި ރަނގަޅު ތަޢުލީމެއް ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމުގައި އެ ކަމަނާ ސިފަކުރެއްވިއެވެ.

ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެން ވެސް އެ ފުރުޞަތުތައް ކުދިންނަށް ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، މިގޮތުން ބަސްބުނުމުގެ ޙައްޤާއި އެ ކުދިން ދެކޭ ގޮތް ހާމަކުރުމުގެ ފުރުޞަތު އެންމެ ފުޅާދާއިރާއެއްގައި ކުދިންނަށް ދޭން ޖެހޭ ކަމުގައި ފަޒްނާ ވިދާޅުވިއެވެ.

މި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވި ގޮތުގައި އެ ކަމަނާގެ އުންމީދަކީ ކޮންމެ ކުއްޖަކީވެސް އިތުބާރުހިފޭ، ކޮންމެ ކަމެއްގައި ވެސް އޮތް އެންމެ ރަނގަޅު ގޮތް ޚިޔާރުކުރާ، އަނެކާއަށް އަޅާލުން ފަދަ ރަނގަޅު އާދަތައް ހަރުލާފައިވާ ކުދިބަޔަކަށް ވުން ކަމަށާއި ޒިންމާދާރު ރައްޔިތަކަށް ވެވޭނީ އޭރުން ކަމުގައި ވިދާޅުވިއެވެ.

މި މެސެޖުގައި މައިންބަފައިންނާއި މުދައްރިސުންނާ މުޚާތަބްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައެވެ. އަދި، ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިޙްސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާޙައުލުގައާއި މުޅި މުޖުތަމަޢުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖްރިބާކާރުން ވިދާޅުވާ ކަމަށާއި، ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާ މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އެކަން ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިދާޅުފައެވެ.

އޭގެ އިތުރުން ކަންކަމުގައި ކުދިން ޝާމިލު ކުރުން އެ ކަމަނާއަށް މާނަކުރެވޭ ގޮތަކީ، ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުންކަމަށާއި، މިސާލަކަށް ކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ޤަވައިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ޤަވައިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުޞަތު ބޮޑުވާނެކަމުގައި ފަޒްނާ ވިދާޅުވިއެވެ. އަދި، މިފަދަ ކަންކަމުން ކުދިންނަކީ މުހިންމު ބައެއް ކަމާއި އެކުދިންނަށް ބޮޑެތި މީހުން އިތުބާރުކޮށް އިޙްތިރާމްކުރާކަން އެނގިގެންދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް