މަރޭގެ ހިސާބު: އަންނަ އައިއޯޖީގައި ރާއްޖެއަށް 21 މެޑަލް ހޯދޭނެ

އޮލިމްޕިކް ކޮމެޓީގެ ކުރީގެ ގެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު --- ފޮޓޯ/ ސޯޝަލް މީޑިއާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023ގައި ރާއްޖެއަށް 21 މެޑަލެއް ލިބޭނެކަމަށް މޯލްޑިވިސް އޮލިމްޕިކް ކޮމެޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި އިއްޔެ މަރުޒޫގު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެތުލީޓުންގެ މިހާރުގެ ފެންވަރަށް ބަލާއިރު މިއަހަރު ބާއްވަން ހަމަޖެހިފައިވާ އައިއޯޖީ މުބާރާތުގައި 21 މެޑަލް ލިބޭނެކަމަށެވެ.

މަރުޒޫގު ވިދާޅުވީ މިދިޔަ ދެ ދުވަހުގެ ތެރޭގައި ބައެއް މީހުން އައިއޯޖީގައި ރާއްޖެއަށް ކިތައް މެޑަލް ލިބޭނެތޯ އޭނައާ ސުވާލުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ވޭތުވެދިޔަ 18 މަސް ދުވަހު ރާއްޖޭގެ އެތުލީޓުންގެ ފެންވަރަށް ބަލާއިރު 21 މެޑަލް ރާއްޖެއަށް ލިބޭތަން އޭނާއަށް ފެންނަކަމަށެވެ.

"އެކަމަކު އެ 21 މެޑަލް ލިބޭނީ އެ މެޑަލްތައް ހޯދުމަށް ތައްޔާރުވާ ގޮތަކުން،" މަރުޒޫގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ އެތުލީޓެއް ވެސް އެ އެތުލީޓެއް ހޯދުމަށް އަމާޒުކުރާ މެޑަލްއެއް ހާސިލުކުރުމަށް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި މަސައްކަތްކުރާނެ ޕްލޭނެއް ހަދައި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭނެކަމަށެވެ.

މެޑަލް ހޯދުމަށް ޓާގެޓުކޮށްފައިވާ އެތުލީޓުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭކަމަށާއި، އެ އެތުލީޓުން ރާއްޖެ ފަޚްރުވެރި ކުރާނެކަމަށް ވެސް މަރުޒޫގު ވިދާޅުވިއެވެ.

އެންމެފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯޖީގައި ވެސް ރާއްޖެއަށް 15 މެޑަލް ލިބޭނެކަމަށް މަރުޒޫގު ވަނީ ހިސާބު ޖައްސަވާފައެވެ. އެ އަހަރު އެ ހިސާބު ދިމާވެ އެ އަދަދަށް ވަނީ އެ މުބާރާތުގައި މެޑަލް ލިބިފައެވެ.

އައިއޯޖީ 2023 ރާއްޖޭގައި ބޭއްވުމަށް އޭރު އޮލިމްޕިކް ކޮމެޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރި މަރުޒޫގު ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.

މަރުޒޫގާއި މުޅި ކުޅިވަރު އާއިލާގެ އިތުރުން ސަރުކާރުން ކުރި މަސައްކަތުން އައިއޯޖީ 2023 ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވަނިކޮށް ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްކަމަށް ބުނެ އެ ފުރުސަތު ރާއްޖެއިން ވަނީ ދޫކޮށްލާފައެވެ.

އެހެންކަމުން އައިއޯޖީ 2023 ރާއްޖޭގައި ބޭއްވެން ނެތުމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުން އެ ފުރުސަތު ދީފައިވަނީ މަޑަގަސްކަރައަށެވެ.

comment ކޮމެންޓް