ފޮތްތަކުގައި ގިނައީ މިދިޔަ ސަރުކާރުގައި ވެސް ހުރި ކުށްތައް

ސެޕްޓެމްބަރ 6، 2021: ގްރޭޑް ތަކުގެ އިސްލާމް އަދި ގުރްއާން މާއްދާތަކުގެ ފޮތްތަކުގައި ކުއްހުރުމުގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލް ފޮތްތަކުގައި ގިނައީ މިދިޔަ ސަރުކާރުގައި ވެސް ހުރި ކުށްތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ކުށްތައް ފާހަގަ ކުރެވިފައިވާ ފޮތްތަކުގެ ތެރެއިން މި ސަރުކާރުން ނެރެފައި ވަނީ ގްރޭޑް އެކެއްގެ ފޮތް އެކަނި ކަމަށެވެ. އަދި އިތުރު ކުށްތައް ފާހަގަ ކުރެވުނީ 2015 އަދި 2018އިގައި ނެރުނު ފޮތްތަކުން ކަމަށެވެ.

މީގެ އިތުރުން އިސްލާމް އަދި ގުރުއާން ފޮތްތަކުގައިވާ ކުށް ލިޔުނީ ގަސްތުގައި ކަމަށް އިދިކޮޅުން ބުނުމަކީ މި މައްސަލަ ސިޔާސީ ކުރަން ދައްކާ ވާހަކައެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގަސްތުގައި ގުރުއާނުގެ ބައެއް ބަދަލުކޮށްގެން ނުވަތަ ނުބައިކޮށް މި ސަރުކާރުން ނުލިޔާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

"ގްރޭޑް އެކެއްގެ ފޮތް އެއީ މި ސަރުކާރުން. މައްސަލައެއް ނެތް. އެކަމަކު އެހެން އެ ވިދާޅުވީ ބޭފުޅުން މިތާ ތިއްބަވައިގެން ކުރެއްވި މަސައްކަތެއް މިއީ. އެކަން ކޮށްފަ އޮތީ ކަނޑައެޅިގެން ގުރުއާން އޮޅުވާލާށެ ބުނީމަ އަޅުގަނޑު ދެކެނީ އެއީ ހަމަ ސިޔާސީ ކަމެއް ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު އައިޝަތު އަލީ އެހެން ވިދާޅުވީ، ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންކުރާ ފޮތްތަކުން ފެންނަ ގޯސްތަކަކީ ގަސްތުގައި ރާވައިގެން ކުރާކަމެއް ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނުން ކުރި ފަހުންނެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ފޮތްތަކުން ގިނަ އަދަދެއްގެ ކުށް ފާހަގަވެގެން ދިޔުމަކީ މިއަދު ތައުލީމީ ނިޒާމު ފެއިލްވެފައިވާކަމުގެ ހެއްކެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވާހަކަދެއްކެވިއެވެ. އަދި އިސްލާމް މުގައްރަރުގައި ހަރުކަށި ކަމަށް މަގުފަހިވާ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވަނީ ކުށް ފާހަގަ ކުރެވިފައިވާ ގިނަ ފޮތްތައް ފާސް ކުރީ، އިދިކޮޅުން ވާހަކަ ދެއްކެވި މެމްބަރުން ތިއްބެވި ސަރުކާރުގައި ކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން ގްރޭޑް ދޭއްގެ އިސްލާމް ފޮތުން ފާހަގަކުރެވިފައިވާ ކުށަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ކުށެއް ކަމަށާއި ގްރޭޑް 10 އަދި 12އިގެ ފޮތްތަކުން ފެނުނު ކުށްތަކަކީ 2018އިން ފެށިގެން ހުރި ކުށްތައް ކަމަށް ރަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު އެ ފޮތްތައް ފާސް ކުރި އިރު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވީ ޝަހީމްކަން ރަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއަކީ އެންއައިއީ ހިންގުމާ ކުރިން ހަވާލުވެ ހުންނެވި ބޭފުޅެއްކަންވެސް ރަޝީދު ފާހަގަ ކުރެއްވިއެވެ.

"ކުށް ޖެހުމަކީ މިއަދު އެކަނި ވާކަމެއް ނޫން އިނގޭތޯ. ގްރޭޑް ދޭއްގެ އިސްލާމް ފޮތުގައި ކުށް ޖެހުނީ 2015 ވަނަ އަހަރު. އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. ދެން ހަމަ އެންއައިއީ ހިންގަވަން އޭރު ހުންނެވީ އާދަމް ޝަރީފް. ހަމަ އޭރުގެ ކުށެއް ތަކުރާރު ވަމުން ތަކުރާނު ވަމުން އަޅުގަނޑުމެންނަށް ވެސް ނުފެނި ޕްރިންޓް ވެފަ މިއޮތީ. އެހެންވީމަ ކުށް ޖެހުމަކީ މިއަދު އެކަނި ވާކަމެއް ނޫން،" ރަޝީދު ވިދާޅުވިއެވެ.

އެކުށް މިއަދާ ހަމައަށް އިސްލާހު ނުވެ އޮތީ އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ނާންނާތީ ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ. ނަމަވެސް މުދައްރިސުން ކިޔަވައިދެއްވީ އެބައިތައް ރަނގަޅުކޮށްގެންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް