އަފްރާޝީމްގެ ރިޕޯޓުން ނަތީޖާއެއް ނުފެންނާތީ މަޖިލިސް ރައީސްގެ ކަންބޮޑުވުން

މެއި 29، 2020: 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 41 ވަނަ ޖަލްސާ (ކުރިއަށް ގެންދެވުން 2) -- ފޮޓޯ/ މަޖިލިސް

ރަހުމު ކުޑަ ގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓުން އެއްވެސް ނަތީޖާއެއް ހާސިލްނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، ޑރ. އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ. އެ ހަމަލާ ރޭވުމުގައި އެންމެ ބޮޑު މޭސްތިރިޔަކީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. ނަމަވެސް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ސިޔާސީ އެއްވެސް މީހެއްގެ އަތެއް ވާކަމުގެ ހެއްކެއް ނެތް ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ގޮތުގައި ރިޕޯޓުގައި ބުނެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދާއި، ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ) އަދި އޭރު 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.

މައްސަލައިގައި ހުމާމުގެ މައްޗަށް ދައުލަތުން ކުރި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ކޯޓުގެ ހުރިހާ މަރުހަލާއަކުން ވެސް ވަނީ ދަމަހައްޓައިފައެވެ. މި މައްސަލައިގައި ސަޓޯގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލިއެވެ. ނަމަވެސް ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާ ސާބިތެއް ނުވެއެވެ. އަދި މައްސަލަ އިސްތިއުނާފު ވެސް ކޮށްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މި ހުރިހާ ވާހަކަތަކެއް ރިޕޯޓުގައި ހުރި ނަމަވެސް، އެ ރިޕޯޓާ ގުޅިގެން އެއްވެސް ތަހުގީގެއް ވެސް އަދި ދައުުވާއެއް ވެސް ކޮށްފައި ނުވާކަމަށެވެ.

އަދި މަރު ކޮމިޝަނުން މަޖިލީހާ ވެސް ރިޕޯޓު ހިއްސާކުރި އިރު، މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީންވެސް އެ ރިޕޯޓު ދިރާސާކޮށް ކޮމިޓީއަށް ފެންނަ ވާހަކަތަކާއި އެކު ސަރުކާރުުގެ އެކިއެކި ތަންތަނަށް ސިޓީތައް ފޮނުވާފައިިވާކަން ވެސް މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ.

"ނަތީޖާއެއް ނުފެނެ. ނަތީޖާއެއް ނެރުމަށް ތިޔަބޭފުޅުނަށް އެނގިވަޑައިގަންނަވާނެ ގާނޫނުއަސާސީގައި ކަންކަން ހުންނަނީ ވަޒީރުބޭފުޅުންނާ ހަވާލުކުރައްވާފައިިވާކަން. އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ މި މަޖިލީހަށް ވަޒީރު ބޭފުޅުން ޖަވާބުދާރީވެވަޑައިގަންނަން ޖެހިވަޑައިގަންނަވާނެކަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަރު ކޮމިޝަންގެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ މީގެ ކުރިން ވެސް މަޖިލިސް ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށާއި އެހެންކަމުން ކޮމިޝަން އުވާލަންޖެހޭ ކަމަށް ވެސް މިއަދު ވިދާޅުވި އެވެ.

comment ކޮމެންޓް