ޓާމިނަލް މައްސަލައިގައި ދޫދިނިން، އެދެނީ ހައްގު މިންވަރު: ޓީއެމްއޭ

ފެބްރުއަރީ 11، 2020: ސީޕްލޭން ޓާމިނަލް މައްސަލައިގައި ޓީއެމްއޭގެ އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓާމިނަލްގެ މައްސަލައިގައި އެމްއޭސީއެލްއާ ކުރި މަޝްވަރާތަކުގައި ވަރަށް ބޮޑަށް ދޫދީފައިވާނެ ކަމަށާއި އެދޭ ހަމައެކަނި ކަމަކީ އެމްއޭސީއެލްއިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، ހައްގު މިންވަރު ދިނުމަށް ކަމަށް ޓީއެމްއޭއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ޓީއެމްއޭއާއި އެކުންފުނީގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލް ކުންފުނިން ވަނީ ސީޕްލޭން ޓާމިނަލްގެ މައްސަލައާ މެދު އެކުންފުނީގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ އެކުންފުނީގެ މައިގަނޑު ކަންބޮޑުވުމަކީ 2017 ވަނަ އަހަރު އެމްއޭސީއެލްއިން އެކުންފުންޏަށް ހުށަހެޅި އެއްބަސްވުމާއި ދެމުން އައި ޔަގީންކަމާ ހިލާފަށް ޓާމިނަލުން ޖާގަ ދިނުން ކަމަށެވެ.

ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައުޒީ ވިދާޅުވީ އެމްއޭސީއެލްއިން އޭރު އެއްބަސްވުން ފޮނުވީ އާ ޓާމިނަލުން އަކަމީޓަރަކަށް 15 ރުފިޔާގެ ރޭޓުން ޖުމްލަ 19،000 އަކަމީޓަރު 15 އަހަރުގެ މުއްދަތަކަށް ދިނުމަށް ކަމަށެވެ.

އެއީ ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ ސައިޒަށް ވުރެ ބޮޑު އަދަދަކަށް ވާއިރު، ސަރުކާރުން ނިންމާފައިވަނީ ޓީއެމްއޭއިން މިހާރު ވެސް އޮޕަރޭޓު ކުރަމުންދާ ޓާމިނަލްއާ އެއް ސައިޒެއްގެ ސަރަހައްދެއް އާ ޓާމިނަލުން ދިނުމަށެވެ.

https://sun.mv/131128

އެމްއޭސީއެލްއިން 2017 ވަނަ އަހަރު ހުށަހެޅި އެއްބަސްވުމުގައި ދެ ކުންފުނިން ކުރެ ކުންފުންޏަކުން ވެސް ސޮއިކޮށްފައި ނުވާއިރު، ޓީއެމްއޭއިން ބަރޯސާވެގެން އޮތީ އެމްއޭސީއެލްއިން އެކުންފުންޏަށް އެކި ލިޔެކިޔުންތަކުން ދެމުން އައި ޔަގީންކަމެއްގެ މައްޗަށް ކަން ފައުޒީގެ ވާހަކަތަކުން ދޭހެވެ އެވެ. އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވާނެ އެވެ.

ޓާމިނަލްގެ ސައިޒު ބޮޑުކުރަން ހުށަހެޅި ސަބަބު ކޮމެޓީގެ މެމްބަރުން އޮޅުންފިލުވުމުން ޓީއެމްއޭއިން ބުނީ އާ ރިސޯޓުތައް ހުޅުވި، ހިދުމަތް ދެވޭ އެނދުގެ އަދަދު އިތުރުވާ ވަރަކަށް ޓީއެމްއޭގެ ކަސްޓަމަރުން ވެސް އިތުރުވަމުންދާނެ ކަމަށާއި އިތުރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށްޓަކައި އިތުރު ޖާގައެއް ވެސް ބޭނުންވާނެ ކަމަށެވެ.

ބެއިން ކެޕިޓަލްގެ މެނޭޖިން ޑިރެކްޓަރު ޕަވްނިންދަރު ސިންގު ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް ޓީއެމްއޭއިން އެމްއޭސީއެލްއާ ކުރި މަޝްވަރާތަކުގައި އެތައް ގުރުބާނީތަކެއް ވެ، ގިނަ ކަންތައްތަކުގައި ދޫދީފައިވާނެ ކަމަށެވެ.

ބެއިން ކެޕިޓަލްގެ މެނޭޖިން ޑިރެކްޓަރު ޕަވްނިންދަރު ސިންގު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިހާރު ސީޕްލޭން ޓާމިނަލް ހިންގަމުން މިދަނީ ވަކިން. އެކަމަކު އެހެން އޮޕަރޭޓަރުންނާއެކު އެއް ޓާމިނަލަކަށް ދާން ވެސް މަޖުބޫރުވީ. މިހާރު ހިންގަމުންދާ ޓާމިނަލް ތަރައްގީ ކުރަން ޓީއެމްއޭއިން ކުރި އިންވެސްޓްމަންޓްގެ ބަދަލެއް ވެސް ނުލިބޭ. އެކަމަށް ވެސް އެއްބަސްވިން." ސިންގް ވިދާޅުވި އެވެ.

ދެން މިކަމުގައި ކުރަން ފެންނަނީ ކޮން ކަމެއްތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސިންގް ވިދާޅުވީ، ދެން އޮތީ އެމްއޭސީއެލްއިން ހުށަހެޅި ކޮންޓްރެކްޓްގައި ސޮއިކުރުން ކަމަށެވެ.

"ޓާމިނަލުގައި ސީޕްލޭން އޮޕަރޭޓު ކުރާ ހުރިހާ ކުންފުންޏަކަށް ވެސް ވާ ވަރަށް ޖާގަ އެބައޮތް. ދެން އޮތީ އެމްއޭސީއެލްއިން ހުށަހެޅި ކޮންޓްރެކްޓް ފައިނަލައިޒް ކުރުން." ސިންގް ވިދާޅުވި އެވެ.

މީގެ އިތުރުން މި މައްސަލައިގައި މާލިއްޔަތު ކޮމެޓީގެ އެދުމަކަށް އޭޖީ އޮފީހުން ހެދި އޮޑިޓް ރިޕޯޓަށް ވެސް ޓީއެމްއޭއިން ވަނީ ފާޑުކިޔާފަ އެވެ.

"އެބަ ބުނޭ އެމްއޭސީއެލްއަށް ޓާމިނަލް ހިންގައިގެން އަހަރެއްގެ މައްޗަށް ލިބޭނޭ 47.3 މިލިއަން ރުފިޔާ. އެއީ ގްރޮސް ރެވެނިއު (ހަރަދަށް ނުކަނޑާ ލިބޭ ޖުމުލަ އާމްދަނީ). އެހެންވެ އަޅުގަނޑުމެން ހޯދިން މިނިވަން އޮޑިޓަރެއް ވެސް،" ފައުޒީ ވިދާޅުވި އެވެ.

ޓީއެމްއޭއިން އަހަރެއްގެ މައްޗަށް 900،000 އެއްހާ ފަސިންޖަރުންނަށް ހިދުމަތްދޭއިރު، ފައުޒީ ވިދާޅުވީ އެއްކޮޅުގެ ދަތުރަށް ބަލާނަމަ، 450،000 ފަސިންޖަރުން އަތުން ބޮލަކަށް 100 ޑޮލަރުގެ މަގުން ޗާޖުކޮށްގެން ވެސް އޮޑިޓް ރިޕޯޓުގައި އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ އަދަދު ނުލިބޭނެ ކަމަށެވެ.

ފައުޒީ ވިދާޅުވާ ގޮތުން ނަމަ އެ ރޭޓުން ހިސާބު ހަދައިފިނަމަ، އޮޑިޓް ރިޕޯޓުގައި ބަޔާންކުރާ އަދަދުން ވެސް 2.3 މިލިއަން ރުފިޔާ އިތުރުވެ އެވެ. އަދި ބޮލަކަށް 100 ޑޮލަރުގެ ރޭޓުން 450،000 ފަސިންޖަރުންގެ އަތުން ދެކޮޅު ދަތުރުތަކަށް ޗާޖުކޮށްފިނަމަ، ލިބޭ ޖުމުލަ އާމްދަނީ 90 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ޓީއެމްއޭއިން ހޯދި މިނިވަން އޮޑިޓް ފާމަކީ އީއެންވައި ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެކުންފުނީގައި ފައުޒީގެ ބޭބެ/ކޮއްކޮއެއް ހުންނާތީ އެ އޮޑިޓް ރިޕޯޓާ މެދު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވަނީ ސުވާލު އުފައްދަވާފަ އެވެ.

ރައްދުގައި ޓީއެމްއޭއާއި ބެއިން ކުންފުނިން ބުނީ، އެހެން އޮޑިޓް ފާމަކުން އިތުރު އޮޑިޓެއް ހަދަން ޖެހިއްޖެ ނަމަ އެކަން ކުރަން ވެސް ތައްޔާރަށް އޮތް ކަމަށެވެ.

"ކޭޕީއެމްޖީން ވިޔަސް އެހެން އޮޑިޓް ފާމަކުން ވިޔަސް، އީއެންވައިގެ ރިޕޯޓުގައި ބުނާ ކަންކަމަކަށް ތަފާތެއް ނާންނާނެ." ސިންގް ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ އިންޓީރިއާ މަސައްކަތްތަކެވެ. އެމްއޭސީއެލް އިން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ މެއިމަހު ޓާމިނަލް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ.

comment ކޮމެންޓް