ދިރާގާއި އުރީދޫ، ލަންކާގެ ޑައިލޮގްއާ ގުޅިގެން ސަބްމެރިން ކޭބަލެއް އަޅަނީ

މީގެ ކުރިން ހިނގި ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތުގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ދެ ޓެލެކޮމް ޕްރޮވައިޑަރުން ކަމުގައިވާ ދިރާގު ޕލކ އަދި އުރީދޫ ޕލކގެ އިތުރުން ސްރީލަންކާގެ އެންމެ ބޮޑު އެއް ޓެލެކޮމް ސާވިސް ޕްރޮވައިޑަރު ޑައިލޮގް އެޒިއާޓާ ގުޅިގެން އާ ސަބްމެރިން ކޭބަލެއް އެޅުމަށް ނިންމައިފި އެވެ.

ޕްރޮޕޯސަލް ހުށަހަޅައިގެން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވާވޭ އިންޓަނޭޝަނަލަށެވެ. މި ސަބްމެރިން ކޭބަލްގެ 45 ޕަސަންޓު ހިއްސާ އޮންނާނީ ދިރާގަށެވެ. އުރީދޫ މޯލްޑިވްސްއަށްވެސް 45 ޕަސަންޓު އޮންނަ އިރު ސްރީލަންކާގެ ޑައިލޮގް އެޒިއާޓާއަށް އޮންނާނީ މި ކޭބަލްގެ 10 ޕަސަންޓު އޯނާޝިޕެވެ.

ދިރާގުން ބުނީ މި މަސައްކަތަށް އެ ކުންފުނިން 8.4 މިލިއަން ޑޮލަރު ހަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އުރީދޫއިން ބުނީ އެކުންފުނިން މަޝްރޫއަށް ގިނަވެގެން ނުވަ މިލިއަން ޑޮލަރު ހަދަރުކުރާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ކޭބަލެއް ރާއްޖެއާށް އައުމުގެ ސަބަބުން ރާއްޖޭގައި އެޅިފައިވާ ކޭބަލްތަކުގެ ޑައިވާސިޓީ އިތުރުވެ، އޭގެ މަންފާ މުވާސަލާތީ ދާއިރާއަށް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި ހިދުމަތްދޭ ޓެލެކޮމް ކުންފުނިތަކުން މުވާސަލާތީ ހިދުމަތުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރާ މަސައްކަތް ފާހަގަކުރާކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިވަގުތު ރާއްޖެއާ ގުޅިފައިވަނީ ދެ ސަބްމެރިން ކޭބަލެކެވެ. ފުރަތަމަ ކޭބަލްއަކީ ދިރާގާއި ސްރީލަންކާ ޓެލެކޮމް ގުޅިގެން ލަންކާއާއި ރާއްޖެއާ ދެމެދު އަޅާފައިވާ ކޭބަލެކެވެ. ދެވަނަ ކޭބަލަކީ އުރީދޫ މޯލްޑިވްސްއާއި ފޯކަސް އިންފޯކޮމް އަދި އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަންސް ގުޅިގެން އަޅާފައިވާ "ވާފް" ސަބްމެރިން ކޭބަލެވެ.

އެހެންކަމުން ދިރާގު އުރީދޫ އަދި ޑައިލޮގް ގުޅިގެން އަޅާ ކޭބަލް ވާނީ ރާއްޖެއާ ގުޅާލެވޭ ތިންވަނަ އޮޕްޓިކް ސަބްމެރިން ކޭބަލެވެ. އަދި ލަންކާއާ ރާއްޖެއާ ދެމެދު އަޅާ ދެވަނަ ކޭބަލެވެ.

މިނިސްޓްރީން ބުނީ މިފަދަ އިތުރު ކޭބަލެއް ރާއްޖެ އައުމަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮންނަ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގއަަށްވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

"އެހެންކަމުން އަދިވެސް އިތުރު ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލްތައް ރާއްޖެއަށް ލޭންޑުކުރުމަކީ މި މިނިސްޓްރީއިން ދެކޭގޮތުގައި ވަރަށް މުހިންމު ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ދުނިޔެއަށް އީޖާދުކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ހަލުވިމިނުގައި ރާއްޖެއަށް ތައާރަފުކުރުމަށް ކުރެވޭ މަސއްކަތަކީވެސް ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ދުނިޔެއަށް މި އަންނަ ޑިޖިޓަލް އިންގިލާބުގައި ރާއްޖެ ވާދަކުރުމަށް އެޅޭ މުހިންމު ބާރެކެވެ،"

comment ކޮމެންޓް