އުރީދޫގެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ހުށަހަޅަން ނިންމައިފި

މީގެ ކުރިން ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސް އަށް 2019 ވަނަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.30 ރުފިޔާ ބެހުމަށް ހުށަހަޅަން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސްއިން އާންމުކޮށްފައިވާ އެކުންފުނީގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 588.6 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އަދި އުރީދޫގެ ސަބްސިޑަރީ ކުންފުނި ވާފް މެދުވެރިކޮށް ލިބުނު ފައިދާ ހިމެނޭ ގޮތަށް، އުރީދޫ މޯލްޑިވްސް ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 598.9 މިލިއަން ރުފިޔާ ލިވިފައިވާ ކަމަށް ދައްކަ އެވެ.

އުރީދޫއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ، ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 3.30 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައި ކަމަށެވެ.

އުރީދޫގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނީ އަންނަ މާޗު މަހުގެ ތެރޭގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ޖަލްސާ ބާއްވާނެ ތާރީހެއް ފެބްރުއަރީ 16 ވާ އަންގާރަ ދުވަހުގެ ކުރިން އިއުލާނުކުރާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި 2005 ވަނަ އަހަރު މޯބައިލް ފޯނުގެ ހިދުމަތް ދޭންފެށި ގަތަރުގެ ކުންފުނިން ރާއްޖޭގައި ހިއްސާ ވިއްކައި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރީ 2016 ވަނަ އަހަރު އެވެ.

އެ ކުންފުނީގެ ހިއްސާގެ ތެރެއިން 90.5 ޕަސަންޓު ކޮންޓްރޯލުކުރަނީ ވަތަނިއްޔާ އިންޓަނޭޝަނަލުންނެވެ. އަދި ރާއްޖޭގައި އާންމުންނަށް އޮންނަނީ ކުންފުނީގެ 9.5 ޕަސަންޓު ހިއްސާ އެވެ.

comment ކޮމެންޓް