އުރީދޫގެ އާމްދަނީ ފުރަތަމަ ފަހަރަށް ދެ ބިލިއަން ހުރަސްކޮށްފި

މާޗް 3، 2019: އުރީދޫގެ 2018ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްއަށް ލިބުނު އާމްދަނީ ފުރަތަމަ ފަހަރަށް ދެ ބިލިއަން ރުފިޔާ ހުރަސްކޮށް، މިދިޔަ އަހަރު ކުންފުންޏަށް މާލީ ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ އެވެ.

އުރީދޫގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ޖުމުލަ އާމްދަނީއަކީ އޭގެ ކުރީ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 5.4 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 588.6 މިލިއަން ރުފިޔާ އުރީދޫއަށް ލިބުނުއިރު، މިއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 525.7 މިލިއަން ރުފިޔާއަށްވުރެ 11.9 ޕަސެންޓް އިތުރު އަދަދެކެވެ.

ކުންފުނީގެ ހިންގުމުގެ ހަރަދު ހުރީ 2018 ވަނަ އަހަރާ އަހަރާ އަޅާބަލާއިރު ދާދި އެއް ހަމައެއްގައި ހިފެހެއްޓިފަ އެވެ.

އުރީދޫއަށް މިދިޔަ އަހަރު މާލީގޮތުން ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އެކުންފުނީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއްކޮށް، އާ ހިދުމަތްތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.

އެގޮތުން ވައިފައި ކަނެކްޝަން މެދުވެރިކޮށް ފޯނުކޯލު ކޮށްލެވޭ 'ވައިފައި ކޯލިންގް' ހިދުމަތާއި އޮންލައިންކޮށް ރޭޑިއޯ އަދި ޓީވީ ކޮންޓެންޓް ސްޓްރީމް ކޮށްލެވޭ 'މޮބި ރޭޑިއޯ' އަދި 'މޮބި ޓީވީ'ގެ އިތުރުން މޮބައިލް ޑޭޓާއާއި ޕޯސްޓްޕެއިޑްގެ އާ ޕްލޭންތަކެއް އެކުންފުނިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ތައާރަފުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް