ދަސްވާރު ޕްރޮގްރާމް ހުއްޓާލައި ހުނަރު ޕްރޮގްރާމެއް ފަށަން ތައްޔާރުވަނީ

ނޮވެމްބަރ 22، 2015: ދަސްވާރު ޕްރޮގްރާމްގެ ދަސްވެނިވުން ފާހަގަ ކުރުމުގެ ގޮތުން ކުއްލިއްޔާގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތަކުގައި ކުރިއަށް ގެންދާ "ދަސްވާރު" ޕްރޮގްރާމް ސްޓްރީމެއްގެ ގޮތުގައި ދެން އިތުރަށް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ ޕްރޮގްރާމް އަމާޒުކުރެވިގެން ދިޔައީ ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް ކަމަށް ވާތީ ގިނަ ދަރިވަރުންތަކެއް ތައުލީމީ ސަފުން ބާކީ، އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.

އަދި ދަސްވާރު ނިންމާ ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން އެކުދިންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށް ވެސް ސްކޫލް ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތައުލީމު ލިބިފައިވުމެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ދަސްވާރު ސްޓްރީމަށް ކުދިން ލެވިފައިވަނީ އެންމެ އެދެވޭ ގޮތުގައި ނޫންކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އެގޮތުން ސްކޫލުގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިންމު މާއްދާތައް ނުކުޔަވާ ދަސްވާރު ހެދުމަށް މަޖުބޫރު ކުރުވާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންގެ ސާނަވީ ތައުލީމް މަރުހަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގުމުން ދަށް ގްރޭޑުތަކުގައި ވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ "ލުއި" ގޮތަކަށް ސާނަވީ މަރުހަލާ ނިންމާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތަންފީޒު ކުރަމުންދާ އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތާ ގުޅިގެން، ސްކޫލުތަކުގައި ކުރިން ހިންގަމުން ދިޔަ ދަސްވާރު ޕްރޮގްރާމް ސްޓްރީމެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމައިފައެވެ." ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް ބައެއް ސްކޫލުތަކުގައި ފާއިތުވި އަހަރުތަކުގައި މި ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ގެންގޮސްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންކަމުން ދަސްވާރު ޕްރޮގްރާމް ސްޓްރީމެއްގެ ގޮތުގައި ކުރިއަށް ނުގެންދިޔަ ނަމަވެސް ކޮންމެ ކުއްޖަކަށް ވެސް ދިރިއުޅުމަށް ބޭނުންހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ ރާވައިފައެވެ.

"އެގޮތުން މިކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ފެށިފައެވެ. އަދި ހުނަރު ޕްރޮގްރާމެއް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރަމެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ މަގުސަދަކީ ހުނަރަކީ ހަމައެކަނި ދަށް ކުދިންނަށް އޮންނަ އެއްޗަކަށް ހެދުމުގެ ބަދަލުގައި ސްކޫލުތަކުން ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް މަސައްކަތްތެރިކަމުގެ ހުނަރެއް ދަސްކޮށްފައިވާ ކުއްޖަކަށް ހެދުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ގްރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ގާބިލް، މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ މިންވަރަށް ލިޓްރެސީ އާއި ނިއުމަރަސީ އެނގޭ، އަދި ދިވެހިބަހާއި ދީނަށް އަހުލުވެރި ދަރިވަރަކަށް ހެދުމެވެ.

ދަސްވާރަކީ ސްކޫލް ނިންމައިގެން ނުކުންނަ ކުދިން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގެ ގޮތުން މިދިޔަ ސަރުކާރުން ކުރިއަށް ގެންދަން ފެށި ޕްރޮގްރާމެކެވެ.

އެޕްރޮގްރާމުގައި ދަރިވަރުން ތަމްރީނު ކުރާ ދާއިރާތަކުގެ ތެރޭގައި ހޮސްޕިޓޭލިޓީ އާއި އައިޓީ އާއި ޓުއާ ގައިޑިން އާއި އޮފީސް އެޑްމިނިސްޓްރޭޝަން ހިމެނެއެވެ. ދަސްވާރުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކުންފުންތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް