ރެޖިސްޓްރީކޮށް ލައިސަންސް ހޯދައިގެން ނޫނީ ޓީޗަރުކަން ނުކުރެވޭގޮތް ހަދަނީ

ކްލާސް ރޫމެއްގައި ޓީޗަރުންތަކެއް ކުދިންނާ އެކު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރެޖިސްޓްރީކޮށް ލައިސަންސް ހޯދުމަކާ ނުލައި ޓީޗަރުންނަށް ކިޔަވައި ނުދެވޭނެ ގޮތް ހަދައި، ތައުލީމީ ދާއިރާގެ ގިނަ ކަންކަން ގާނޫނުގެ ތެރެއަށް ލުމަށް "ތައުލީމުގެ ބިލު" މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ތައުލީމުގެ ބިލުގައި ލާޒިމުކޮށްފައިވަނީ ކިޔަވައިދޭ ތަންތަނާއި ޓީޗަރުން ރެޖިސްޓްރީ ކުރުމަށެވެ. އެގޮތުން ތައުލީމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސުކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެގޮތަށް ރެޖިސްޓްރީކޮށްފައިވާ ފަރާތަކަށް މެނުވީ ޓީޗަރުކަމުގެ ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ލައިސަންސްއަކާ ނުލައި ކިޔަވައި ނުދެވޭނެ ތަންތަނުގެ ތެރޭގައި ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތަކާއި، ނާސަރީ އަދި ބޭބީ ނާސަރީ އާއި ޕްރީސުކޫލުތަކުގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި ޓިއުޝަން ކްލާސްތައް ހިމެނެ އެވެ.

"ޓީޗަރުން ރަޖިސްޓްރީ ކުރުމާއިގުޅޭ އެންމެހާ ކަންކަން ކުރުމައްޓަކައި މި ގާނޫނަށް [ތައުލީމުގެ ގާނޫނަށް] އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލުގެ ނަމުގައި މިނިސްޓްރީއިން ކައުންސިލެއް އުފައްދަން ވާނެ އެވެ." ތައުލީމުގެ ބިލުގައި ބުނެފައިވެ އެވެ.

"ކެންގަރޫ ކިޑްސް" ޕްރީ ސްކޫލު ދަރިވަރުންތަކަކާއެކު ފްރީ ސްކޫލު ޓީޗަރެއް-- ސަން ފޮޓޯ/ ހުސައިން ހަސަން

އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލުގައި ޓީޗަރުން ރެޖިސްޓްރީކޮށް ލައިސަންސް ހޯދަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ޓީޗަރުންގެ ގޮތުގައި ބެލެވެނީ އަދި ލައިސަންސް ހޯދަން ޖެހެނީ ކޮން ފަރާތްތަކެއްކަންވެސް ބިލުގައި ތަފްސީލުކޮށްދީފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓިއުޓަރުންނާއި، ތެރަޕިސްޓުންނާއި ޓީޗަރުންނާއި، ސުކޫލުތަކުގެ ލީޑިން ޓީޗަރުންނާއި، ހެޑް ޓީޗަރުންނާއި، ސުޕަވައިޒަރުންނާއި، ޑިޕާޓްމެންޓްތަކުގެ ހެޑުންނާއި، ހެޑް ޓީޗަރުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، އެކްޓިންގް ޕްރިންސިޕަލުން އަދި ޕްރިންސިޕަލުންނެވެ.

މިހާރުވެސް ސުކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުން ކިޔަވައިދެނީ އެޑިއުކޭޝަން މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެންނެވެ. އެކަމަކު ޓީޗަރުކަމުގެ ލައިސަންސެއް ދީފައެއް ނޯވެ އެވެ. އެކަމަކު ޕްރީ ސުކޫލުތަކާއި ޓިއުޝަން ކްލާސްތައް އަދި އެހެންވެސް ތަންތަނުގައި ކިޔަވައިދޭ ޓީޗަރުން، ކިޔައިދެނީ ރެޖިސްޓްރީ ކޮށްގެންނެއް ނޫނެވެ.

އޭގެ އިތުރުން ސުކޫލުތައް ފިޔަވައި އެ ނޫން ކިޔަވައިދޭ ތަންތަން ދިވެހިރާއްޖޭގައި ހިންގަން ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިގެން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ރެޖިސްޓްރީކޮށްދޭ ތަންތަނުގައި ހުންނަން ޖެހޭނެ ޝަރުތަކެއްވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ތައުލީމުގެ ބިލު ފާސްވެ ގާނޫނަށްކަށްވެސް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ކިޔަވައިދޭ ތަންތަންވެސް ގާނޫނާ އެއްގޮތަށް ރެޖިސްޓްރީކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުފުރާ

21 ނުވެންބަރ 2019: މިއަހަރުގެ ދިރާސީ އަހަރު ނިންމައި ކިޔަވާކުދިން ޗުއްޓީއަށް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ތައުލީމުގެ ބިލުގައި ޓީޗަރުންނާއި ބެލެނިވެރިން އަދި ކުދިންނަށް ލާޒިމުވާ ކަންކަން ވަނީ ހިމަނާފަ އެވެ. އެގޮތުން ކުދިން ސުކޫލަށް ފޮނުވުން ބެލެނިވެރިންގެ މައްޗަށް ލާޒިމުކޮށްފައިވާއިރު، ކުދިން ސުކޫލަށް ދޭތޯ ބެލުމަކީ ސުކޫލުތަކާއި ޓީޗަރުންގެ ޒިންމާއެއް ކަމަށް ވަނީ ހިމަނާފަ އެވެ.

ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި ދިރިއުޅޭ، އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލަޒިމުވާ އުމުރުގެ ކުއްޖެކެވެ. އަދި މަޖުބޫރު ތައުލީމު ލާޒިމުވަ ކޮންމެ ކުއްޖަކަށް ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީ ސުކޫލު ތައުލީމުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ކިޔަވަން ސުކޫލަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަގުބޫލު އުޒުރެއް އޮވެގެން މެނުވީ މަޖުބޫރު ތައުލީމު ލަޒިމުވާ އުމުރުފުރާގެ ކުދިން ގަވައިދުން ސުކޫލަށް ދާން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. މަގުބޫލު އުޒުރުގެ ތެރޭގައި ހިމެނެނީ ބަލިހާލަތު ހުރިގޮތުން ސުކޫލަށް ހާޒިރުވެވެން ނެތުމާއި ސަސްޕެންޑް ކުރުމުގެ ސަބަބުން ސުކޫލަށް ހާޒިރު ނުވެވުމާއި، އިތުރު ކަންކަން ހިމެނެ އެވެ.

އޭގެ އިތުރުން ކުދިންނާމެދު އެޅޭނެ ތައުބީދީ ފިޔަވަޅުތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. ތައުލީމީ ބިލުގެ މަސައްކަތް ދެން ކުރިއަށް ދާނެ 19 ވަނަ މަޖިލީހުގެ ތިންވަނަ ދައުރު ފެށުމުންނެވެ.

comment ކޮމެންޓް