ގަވައިދާ ހިލާފަށް "ގެސްޓްހައުސް" ހިންގަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންނާއި އިމިގްރޭޝަނުން ރެއިޑްކުރި ގަވައިދާ ހިލާފު "ގެސްޓްހައުސް" ހިންގާ ބިދޭސީ މީހާ ---

މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ދަށުން، ރެޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް "ގެސްޓްހައުސެއް" ހިންގަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ގަވައިދާ ހިލާފަށް ރަޖިސްޓްރީނުކޮށް ގެސްޓްހައުސް ހިންގުމާއި އިމިގްރޭޝަންގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ހައްޔަރުކުރީ 29 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

އިމިގްރޭޝަނުން ބުނީ މި "ގެސްޓްހައުސް"ގެ ދިރިއުޅުމުގެ ހާލަތު ހުރީ ވަރަށް ދަށް ފެންވަރުގައި ކަމަށެވެ. އެގޮތުން އެތަނުގައި ވައި ދައުރުކުރާނެ ރަނގަޅު ނިޒާމެއް ނެތް ކަމަށާއި އަދި އެއީ ސާފުތާހިރުކަންވެސް ކުޑަ، ދިރިއުޅެން ނުރައްކާތެރި ތަނެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ރެއިޑްކުރި މި "ގެސްޓްހައުސް"ގައި 90 އަކަފޫޓުގެ 11 ކުއާޓާ ހުރި ކަމަށާއި، އެތަނުގައި ތޮއްޖެހިގެން 100 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުން ދިޔަކަމަށް އިމިގްރޭޝަނުން ބުނެއެވެ. ނަމަވެސް އެތަނުގައި އުޅޭ މީހުންގެ ޖުމްލަ އަދަދު އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

މި "ގެސްޓްހައުސް"އިން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ 100 އަށް ވުރެ ގިނަ ބިދޭސީންވެސް ފާހަގަކުރެވުނުކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނަމަވެސް ގަވައިދާ އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީންވެސް އެތަނުގައި ދިރިއުޅެމުން ދިޔަކަމަށް އިމިގްރޭޝަނުން ބުންޏެވެ.

https://sun.mv/121827

ރެއިޑްކުރި "ގެސްޓްހައުސް" ހުރީ ކޮން ތަނެއްގައިކަން އިމިގްރޭޝަނުން ހާމައެއް ނުކުރިއެވެ. ނަމަވެސް އެ "ގެސްޓްހައުސް" ހިންގާ އިމާރާތުގެ ވެރިފަރާތް ހޯދައި، ފިޔަވަޅު އަޅާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިރު، ސަރުކާރުން ވަނީ އެމީހުން ގަވައިދުގެ ތެރެއަށް ފެއްތުމަށްޓަކައި ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ފަށާފައެވެ.

ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރެޖިސްޓްރީވާން މިހާތަނަށް 14،000 އަށް ވުރެ ގިނަ ބިދޭސީންނަށް އެޕޮއިންޓްމަންޓް ދޫކޮށްފައިވާ އިރު، އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރެއިން 90 ޕަސަންޓު މީހުންގެ އަތުގައި ޕާސްޕޯޓެއް ނެތްކަމަށެވެ.

comment ކޮމެންޓް