ޔާމީނަށް ހުކުމް އިއްވި ފަސް ފަނޑިޔާރުން ޖަލަށް ލާނަން: އަދުރޭ

ކުރީގެ ރައީސް ޔާމީން އަދި އަބްދުއްރަހީމް: ޔާމީނަށް ހުކުމް ކުރެއްވި ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމުގެ އިންޒާރު އަދުރޭ ވަނީ ދީފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިން ކުރިކަމުގެ ދައުވާ ސާބިތުވެ ޖަލަށް ލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން އެމެރިކާ ޑޮލަރުން ކުރީގެ ރައީސް ޔާމީން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ހުކުމް އިއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވަންދެން އެ ފަރާތްތަކުން މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އެހެން ފަރާތަކުން އެ ޕާޓީއަށް ވެރިވެގަތުމަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ފަނޑިޔާރުންގެ ބެންޗުގައި ތިބި ފަސް ބަ**ނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި ޖަލަށް ލާނަމޭ،" ކުރީގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

ފަސް ފަނޑިޔާރުންގެ އިތުރުން މިސަރުކާރުގެ އިސްވެރިންނާ ހަމައަށް ގާނޫނު އަރައި ހަމަ ކުރާނެ ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ އެ ފަރާތްތަކަގެ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

"ރައީސް ޔާމީނަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް އަޅުގަނޑުމެން ވާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ. މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލައި އޭނާ ސަސްޕެންޑްކުރަން ނިންމި އެވެ. އޭގެ ފަހުން މައްސަލަ ބަލަން ފަށާފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗަކުންނެވެ.

މަނީލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކިފާނުގެ އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ.

comment ކޮމެންޓް