ގޯ އެއާގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް

ގޯ އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ފުރަތަމަ ފްލައިޓު ވީއައިއޭގައި ޖައްސާފައި --- ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ ބަޖެޓް އެއާލައިން ގޯ އެއާ އިން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުން ފެށިގެން ގޯ އެއާގެ ދަތުރުތައް ރާއްޖެއަށް ފަށާއިރު މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށްވެސް ގޯ އެއާއިން ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވައިފަ އެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަނީ މުމްބާއީ، ބެންގަލޫރު އަދި ނިއު ދިއްލީ އިންނެވެ.

ގޯ އެއާއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށި ދަތުރުތައް ހުއްޓާލީ މިއަހަރުގެ އޭޕްރީލް މަހު އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ތިން ސިޓީ އާއި މާލެ އާއި ދެމެދު ހަފްތާއަކު ފަސް ފްލައިޓު ބާއްވާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް މިއަދު ވަނީ މި ތިން ސިޓީ އާއި ރާއްޖެއާ ދެމެދު އިންޑިއާގެ އެއާލައިނަކުން ދަތުރުތައް ފަށަން ތައްޔާރުވެފައިވާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން އެއާލައިނެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ އެގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އިން 115،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް