ބެންޗަކުން މައްސަލަ ބަލަން ރައީސް ޔާމީން އެދިވަޑައިގެންފި

ރައީސް ޔާމީން: އެމަނިކުފާނުގެ މައްސަލަ ބެންޗަކުން ބަލައި ދިނުމަށް ވަނީ އެދިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ބެންޗަކުން ބެލުމަށް އެމަނިކުފާނުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ މައްސަލަ ހުކުމަކާ ހަމައަށް އައިސްފައިވާއިރު، އެ މައްސަލަ މިހާތަނަށް ބެއްލެވީ މިދިޔަ އަންގާރަ ދުވަހު ސަސްޕެންޑް ކުރި އެ ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމެވެ. ހައިލަމް އެދުވަހު ހެނދުނު ސަސްޕެންޑް ކޮށްފައިވަނީ ހުކުމް ކުރާ ޝަރީއަތް އެ ދުވަހުގެ މެންދުރަށް ތާވަލުކޮށްފައިވަނިކޮށެވެ.

ރައިސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު މިރޭ "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ބެންްޗަކުން ބަލައި ދިނުމަށް އެދި އިއްޔެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރީންވެސް އެދިފައި އޮންނާނީ، އެއް ފަނޑިޔާރަކު ބެލުމުގެ ބަދަލުގައި ބެންޗަކުން މައްސަލަ ބެލުމަށް. އަނެއްކާވެސް އިއްޔެ ވަނީ ސިޓީއެއް ފޮނުވާފައި،" ސިޔާޒު ވިދާޅުވިއެވެ.

ސިޔާޒު ވިދާޅުވީ، އެ ސިޓީގެ ޖަވާބެއް އަދި ނުލިބޭކަމަށާއި މި މަހުގެ 17 ވަނަ ދުވަހު އެ މައްސަލައިގެ ޝަރީއަތެއް ތާވަލުކޮށްފައިވާއިރު، މައްސަލަ ބައްލަވަނީ ކޮން ފަނޑިޔާރެއް ކަމެއް ނުވަތަ ބެންޗަކުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ހައިލަމް ސަސްޕެންޑްކުރަން ނިންމީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ. ހައިިލަމް ވައިބާ ގުރޫޕަށް ފޮނުވި ކުރެހުމުން ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ. އެކަމަށް ފަހުން ހައިލަމް މާފަށްވެސް އެދިވަޑައިގެންފައި ވެއެވެ.

ހައިލަމް ސަސްޕެންޑްކޮށްވާއިރު، މިހާރު އެ ކޯޓު ހިންގުން ވަނީ ގާޒީ އަލީ ރަޝީދާ ހަވާލުކޮށްފައެވެ.

ހައިލަމް ސަސްޕެންޑު ކުރުމުން ރައީސް ޔާމީންގެ ޝަރީއަތަށް ދެން ވާނޭ ގޮތެއް އަދި ނޭނގެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެއެވެ.ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެއެވެ.

ގާޒީ ހައިލަމްގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކޮށްފިނަމަ އެހެން ގާޒީއަކާ މައްސަލަ ހަވާލުކުރެވޭނެއެވެ. އެ ގާޒީއަކަށް މައްސަލަ އަލުން ފަށައިގެން ބެލުމުގެ އިހްތިޔާރުވެސް ލިބިގެންވެއެވެ.

comment ކޮމެންޓް