ހޯލްސޭލަރުންނަށް ހާއްސަ "ސަޕްލައި.އެމްވީ" ތައާރަފްކޮށްފި

ސަޕްލައި.އެމްވީގެ މެނޭޖިންގް ޑިރެކްޓަރު ރާއިދު ވަލީދު-- ސަން ފޮޓޯ

ހޯލް ސޭލް ކުރާ ފަރާތްތަކުގެ މުދާ ގަނެ ވިއްކުމަށް ހާއްސަ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ "ސަޕްލައި.އެމްވީ" މިއަދު ލޯންޗްކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލެޓްފޯމް ތައާރަފްކޮށްދެއްވީ ސަޕްލައި.އެމްވީގެ މެނޭޖިންގް ޑިރެކްޓަރު ރާއިދު ވަލީދު އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

ސަޕްލައި.އެމްވީއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރާއިދު ވިދާޅުވީ އެ ޕްލެޓްފޯމުގެ މައިގަނޑު އެއް މަގުސަދަކީ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް މާލޭގެ ބޮޑެތި ސަޕްލަޔަރުން ވިއްކާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، ބަލްކްކޮށް މުދާ ގަތުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

ސަޕްލައި.އެމްވީ ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ

"ރަށްރަށުގައި ތިބޭ ވިޔަފާރިވެރިންނަށް މާލޭގައި ހުންނަ ބައިވަރު ސަޕްލަޔަރުންގެ މުދާތައް ބަލާލައި، އެންމެންނަށް ނުގުޅައި އެ ޕްލެޓްފޯމް ތެރެއިން ސިންގަލް ޓެޕްއަކުން އޯޑަރއެއް ނޫނީ ކޯޓޭޝަނެއް ފޮނުވާލެވޭނެ." ރާއިދު ވިދާޅުވި އެވެ.

ސަޕްލައި.އެމްވީ ލޯންޗްކުރިއިރު، އެ ޕްލެޓްފޯމުގައި 36 ކުންފުންޏަކުން ގާތްގަނޑަކަށް 2600 ޕްރޮޑަކްޓް މިހާރު ވެސް ވަނީ ލިސްޓުކޮށްފަ އެވެ. އަދި 80 އަށް ވުރެ ގިނަ ކުންފުނިތަކާއި 10000 އަށްވުރެ ގިނަ ޕްރޮޑަކްޓް އިތުރަށް ލިސްޓް ކުރަން ވަނީ ތައްޔާރުވެފަ އެވެ.

ސަޕްލައި.އެމްވީގެ ބައެއް މުހިންމު ސިފަތައް

  • އޯޑަރ އަދި ކޯޓޭޝަން ޕްލޭސްކުރުމާއި ބަލާލުން
  • ގަންނަ ފަރާތުންނާއި ސަޕްލަޔަރުންނަށް ޕްލެޓްފޯމުން ކޯޓޭޝަން މެނޭޖްކުރުން
  • ލިސްޓްކޮށްފައިވާ ކުންފުނިތަކާ ބެހޭ މައުލޫމާތު އަދި ޕްރޮފައިލް ބަލާލުން
  • ކުންފުނިތަކުގެ ހާއްސަ އޮފަރތައް ލިސްޓްކުރުން
  • ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ނިންމުން

މީގެ އިތުރުން ރާއިދު ވިދާޅުވީ ސަޕްލައި.އެމްވީ އުފައްދަމުން އައިއިރު އެ ޕްލެޓްފޯމް ބައިނަލްއަޤްވާމީ މާކެޓަށް ފުޅާކުރަން ރާވާފައިވާނެ ކަމަށެވެ. އެގޮތުން ލަންކާ މާކެޓަށް ވަނުމަށްޓަކައި 'ސަޕްލައި.އެލްކޭ' ފަރުމާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރާއިދު ވިދާޅުވި އެވެ.

ސަޕްލައި.އެމްވީ ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ

ސަޕްލައި.އެމްވީ އަކީ އުރީދޫއިން 2018 ވަނަ އަހަރު ފެށި ނިރު އެކްސެލެރޭޓަރ ޕްރޮގްރާމުގެ ތެރެއިން ތައާރަފްކުރި ޕްލެޓްފޯމެކެވެ.

ނިރު އެކްސެލެރޭޓާ އަކީ އީޖާދީ ދިވެހި އުފެއްދުންތަކަށް ރާޢްޖެއިންނާއި ބައިނަލްއަގުވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރާއްޖޭގައި ފެށި އެފަދަ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް