ނޫމަޑި ކޭސް: ބަޔާން ހަވާލުކުރެވުނީ ކާކާ ކަމެއް މުއިއްޒުއަކަށް ނޭނގުނު!

ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސެސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގެ އާބިޓްރޭޝަނަށް ބަޔާން ދިނީ، އެ މައްސަލައިގައި ކުރިން ދީފައިވާ ބަޔާންތަކެއްގައި އޭނާއާ މެދު ދައްކާވައިފާ ދޮގު ވާހަކަތަކެއްގެ ހަގީގަތް ހާމަކޮށްދިނުމަށް ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނަމަވެސް މުއިއްޒުގެ ބަޔާން ހަވާލުކުރީ ކާކުގެ އަތަށްކަމެއް އޭނާއަށް ނޭނގެއެވެ.

ނޫމަޑި މައްސަލައިގައި ސަރުކާރަށް މާލީ ބޮޑު ގެއްލުންވާ ގޮތަށް ނޫމަޑިއާ އެއްކޮޅަށް ހެކިބަސް ދިން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މުއިއްޒު މިއަދު ހާޒިރުކޮށް ގިނަ ސުވާލުތަކެއް ކުރިމަތިކުރިއެވެ.

ދެ ގަޑިއިރާއި ބަޔަށް ދިގު ދެމިގެންދިޔަ އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ނޫމަޑި އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ދިން ޅ. ދިއްފުށިމާދޫ ސަރުކާރުން އަތުލި މައްސަލައިގައި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރާއި އަދި މިހާރުގެވެސް ސަރުކާރުގެ ބައެއް ފަރާތްތަކުން އޭނާއާ ގުޅޭގޮތުން ދޮގު ބަޔާންތަކެއް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އާބިޓްރޭޝަނަށް ދިން ކަމަށެވެ. އެ ރަށް ނެގީ ގާނޫނާ ހިލާފަށް، މުއިއްޒުގެ އެދިވަޑައިގަތުމަކަށް ކަމަށް އެ ބަޔާންތަކުގައި ވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭރުގެ ސަރުކާރުން ދިއްފުށިމާދޫ އަތުލީ އެގްރިމެންޓާ އެއްގޮތަށް އަދި ބަންޑާރަނައިބުގެ ލަފަޔަކާވެސް އެކު، ސަރުކާރުގެ ބޭނުމަކަށްކަމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަން ކުރިއަށް ދިއުމުން އެކުންފުންޏަށް ދޭންޖެހޭ މާ ބޮޑު ބަދަލެއް ނޯންނަކަމަށް ވިދާޅުވިއެވެ.

"އެމީހުން ކޮށްފައި އޮތް މަސައްކަތަކަށް ބަދަލު ދޭންޖެހޭނީ. އެހެން ނަމަވެސް ކުރީ ސަރުކާރާއި މި ސަރުކާރުގައިވެސް މަސައްކަތްކުރައްވާ ބޭފުޅަކު ދެއްވި ބަޔާނުގައި މި އޮންނަނީ އެހެންނެއް ނޫނޭ އެކަން ކުރީ. ސަރުކާރުން އިންވެސްޓަރަކަށް ދޭންށޭ ރަށް ނެނގީ. އެގްރިމަންޓާ ހިލާފުވެވުނީ އެހިސާބުން،" މުއިއްޒު ވިދާޅުވިއެވެ.

އެމީހެއްގެ ނަން ވިދާޅުނުވެ، މުއިއްޒު ވިދާޅުވީ، އެ ހެކިބަހަށް ބާރު ދިނުމަށް ޑޮކިއުމަންޓުތައްވެސް ހުށަހާޅާފައިވާ ކަމަށާއި ބޭރުގެ އިންވެސްޓަރަކަށް ދިއްފުށިމާދޫ ދިނުމަށް އޭނާ ނިންމިކަމަށް ބުނެ އޭނާއަށް ނިސްބަތްވާ ގޮތަށް ދޮގު ބަޔާނެއް ދިނުމުން އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އާބިޓްރޭޝަނަށް ބަޔާން ދޭންޖެހުނީ ކަމަށެވެ.

އާ ގުޅޭ ގޮތުން ދިން ބަޔާނަކީ ދޮގު ބަޔާނެއް ކަމަށެވެ. އަދި އާބިޓްރޭޝަނަށް ބާޔާން ދޭން ޖެހުނީ އެހިސާބުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހިސާބުން ނިންމީ އަޅުގަނޑު ފަރާތުން ތެދު ބަޔާން ކުރަން. އެހެންވެ ބަޔާން ދިނީ. އަޅުގަނޑު ނޯންނާނެ އެއްވެސް އިންވެސްޓަރެއް އެއްވެސް ކަމެއް ކުރަން ގެނެސްފައި. އެކަން ސާފުކުރަން އަޅުގަނޑު ބަޔާން ދިނީ،" އާބިޓްރޭޝަނަށް ބަޔާން ދިން ސަބަބު ސާފުކޮށްދެއްވަމުން މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ބަޔާނަކުން ދައުލަތައް ބޮޑު ގެއްލުމެއް ލިބޭނެކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މުއިއްޒުގެ ބަޔާން އާބިޓްރޭޝަނަށް ދިނީ ކާކުކަމެއް ނޭނގޭ!

ކޮމިޓީގައި ބައެއް މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް މުއިއްޒު ޖަވާބެއް ނުދެއްވައެވެ. ބައެއް ފަހަރު ނުސީދާ ޖަވާބު ދެއްވި އިރު ބައެއް ސުވާލުތަކަށް ވިދާޅުވީ "ނޭނގޭ"ކަމަށެވެ.

އާބިޓްރޭޝަނުގައި ބަޔާން ދެވޭނީ ކޮންމެވެސް އެއްކޮޅަކަށް ކަމުން އެ ބަޔާން ދިނީ ދައުލަތާ ނުވަތަ ނޫމަޑިއާ އެއްކޮޅަށްތޯ، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އެއްސެވުމުން މުއިއްޒު ވިދާޅުވީ ބަޔާން ދިނީ އޭނާއަށް ނިސްބަތްކޮށް ކޮށްފައިވާ ތުހުމަތުތަކަށް ކަމަށެވެ. އަދި އޭނާ ނޫމަޑި ތަމްސީލު ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ގަފޫރު ސުވާލު ތަކުރާރުކުރެއްވުމުންވެސް މުއިއްޒު ދެއްވީ ނުސީދާ ޖަވާބެވެ. އާބިޓްރޭޝަނަށް ބަޔާން ދިނީ ކާކު ހުށަހަޅައިގެންތޯ މެމްބަރު ގަފޫރު ސުވާލުކުރެއްވުމުންވެސް މުއިއްޒު ސީދާ ޖަވާބެއް ނުދެއްވައެވެ.

"ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ހުރި ބަޔާންތައް އަޅުގަނޑަށް ހުށަހެޅި. ހުށަހަޅާފައި އަޅުގަނޑާ ސުވާލު ކުރި މިއަށް ޖަވާބު ދެއްވަން ބޭނުން ހެއްޔޭ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ބަޔާން ހަވާލުކުރީ ކޮން ފަރާތަކާތޯ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެއްސެވުމުން މުއިއްޒު ވިދާޅުވީ އެނގިވަޑައިނުގަންނަވާ ކަމަށެވެ. އާބިޓްރޭޝަނަށް ދެއްވި ބަޔާން ކޮމިޓީއަށް ހުށަހަޅައިދިނުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެދިވަޑައިގަތުމުން މުއިއްޒު ވިދާޅުވީ އެ ބަޔާން އެނާގެ އަތުގައި ނެތްކަމަށެވެ.

އާބިޓްރޭޝާނުން ދިޔަނަމަ ދޭންޖެހުނު ބަދަލު ކުޑަވީސް: މުއިއްޒު

ބަދަލެއްގެ ގޮތުގައި ހޯދަން ނޫމަޑި ކުންފުނިން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. ނަމަވެސް ކޯޓުން ބޭރުން އެ މައްސަލަ ހައްލުކޮށް، ދެ ފަރާތުން އެއްބަސްވި ގޮތަށް 55 މިލިއަން އެމެރިކާ ޑޮލަރު (848،100،000 ރުފިޔާ) ސަރުކާރުން ވަނީ އެ ކުންފުންޏަށް ދީފައެވެ.

މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ، އާބިޓްރޭޝަންގައި މައްސަލަ ނިންމިނަމަ ދައުލަތް ބަގުރޫޓުވެ، 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އަަދަދެއް ދައްކަން ޖެހުނީސް ކަމަށެވެ.

ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރި ބައްދަލުވުން އަޑުއެހުމަށް މަޖިލިސް މެމްބަރުން ވެދެވަޑައިގެން--- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނަމަވެސް މިއަދު މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ސަރުކާރު ނިމުނު އިރުވެސް އާބީޓްރޭޝަންގައި އެ މައްސަލަ އޮތީ ވަރަށް ވަރުގަދަކޮށް ސަރުކާރާ އެއްކޮޅަށް ކަމަށެވެ. އަދި މިއަދުގެ ސާރުކާރުން ފެށުނީއްސުރެ މަސައްކަތްކުރަމުން ދިޔައީ ވަކި އަމާޒަކަށް އެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށް ކަމަށް ތުހުމަތުކުރެއްވިއެވެ.

"އާބިޓްރޭޝަނަށް ދިޔަ ނަމަ މީތި ސަރުކާރަށް ވިން [ކާމިޔާބު] ވާނެ. ސަރުކާރަށް ވިންވެގެން ވަރަށް މިނިމަލް އެމައުންޓަކުން [ކުޑަ ބަދަލަކުން] ނިންމޭނެ ކަމެއް މީ. އެހެން ނަމަވެސް އާބިޓްރޭޝަނަށް ގޮސް، އާބިޓްރޭޝަނުން ބޭރުން ސެޓްލްމަންޓަށް ދާން އެ ޑިރެކްޝަނަށް ދާން ކަންތައް އޮތީ ގޮސްފައި ފެށުނީއްސުރެ،" ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ގިނަ އަދަދެއްގެ މެމްބަރުންވެސް އަޑުއެހުމަށް ވަން ކޮމިޓީގައި މުއިއްޒު ވިދާޅުވިއެވެ.

އަދި އެވަރުގެ ބޮޑު ބަދަލެއް ދޭންޖެހުނީ އޭނާގެ ބަޔާނުގެ ސަބަބުން ނޫންކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވަމުން ގެންދެވިއެވެ.

ކޮމިޓީގައި ހަތަރު ހުށަހެޅުމެއް!

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެލިދޫ ދާއިރާ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، މިހާ ހިސާބަށް އައި އިރުވެސް، ސެޓްލްމަންޓު ކޮމިޓީން އެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށް ނިންމި ނިންމުގެ އެއްވެސް ތަފްސީލެއް ކޮމިޓީއަށް ނުލިބޭ ކަމަށެވެ. އޭނާ ހުށަހެޅުއްވީ، އެ ސެލްޓްމަންޓު ކޮމިޓީން ނިންމި ނިންމުމުގެ ތަފްސީލު ހޯދުމަށެވެ.

ދާންދޫ ދާއިރާ މެމްބަރު ޔާއުގޫބު އަބްދުﷲ ދެ ހުށަހެޅުއްވުމެއް ހުށަހެޅިއެވެ. ފުރަތަމަ ކަމަކީ މުއިއްޒު ދެއްކެވި ވާހަކަތަކުންނާއި އާބިޓްރޭޝަނަށް ދެއްވި ބަޔާނުން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން އޭނާ މަސައްކަތްކުރެއްވިކަން ހާމަވާތީ އެކަން ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމެވެ. އަދި ދެވަނަ ކަމަކީ މުއިއްޒު އާބިޓްރޭޝަނަށް ދެއްވި ބަޔާން ހަވާލުކުރީ ކާކާކަން ނޭނގޭކަމަށް ވިދާޅުވާ ވިދާޅުވުމަކީ ދޮގެއްތޯ ބަލައި، އެ މައްސަލަ ފުލުހަށް ހުށަހެޅުމަށެވެ. ޔައުގޫބު ވިދާޅުވީ ބައެއްގެ އަތަށް ބަޔާނެއް ދޭ އިރު، އެ ދެވެނީ ކޮން ބަޔަކަށްކަން އެނގޭނެ ކަމަށެވެ.

މީގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވީ ވަޒީރެއްގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތެއް އެހެން ބަޔަކަށް ދިނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށް ވާތީ، މުއިއްޒުގެ އެ މައްސަލަވެސް ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުމަށެވެ.

އެ ހަތަރު ހުށަހެޅުންވެސް ކޮމިޓީން މިއަދު ބަލައިގަނެ، ދެން އޮންނަ ބައްދަލުވުމެއްގައި ވޯޓަށް އަހާނެއެވެ.

comment ކޮމެންޓް