މާރިޔާގެ ތައުރީފު ސިފައިންނަށް: އެއީ އެކުވެރި ގާބިލް ލަޝްކަރެއް!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސިފައިންގެ ރަސްމިއްޔާތެއްގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ ލަޝްކަރަކީ ކަމަށް ތައްޔާރު ގާބިލު އެކުވެރި ލަޝްކަރެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ 31 ވަނަ ނަސްރުގެ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްހައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ސިފައިންގެ ލަޝްކަރު އޮތީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ. އަދި ހާދިސާއެއް ހިނގާފާނެ ކަމަށް ކުރިއާލާ ތައްޔާރުވެ ޑްރިލްތައް ވެސް ހެދިފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ދެން މިފަދަ ޓެރަރިސްޓް ހަމަލާއެއް އައިއްސި ކަމަށްވަންޏާ. އިރާދަކުރެއްވިޔާ ދެން ދުވަހަކު ވެސް ނާންނާނެ. ޓެރަރިސްޓުންނަށް ވެސް އެނގޭނެ މިހާރު އަޅުގަނޑުމެންގެ ރާއްޖެ އޮންނާނީ އެކަހަލަ ކަންކަމާ ހޭލާ ތައްޔާރަށް ކަން. އެހެންވިޔަސް އައިސްފި ކަމަށްޏާ ސިފައިން ތިބީ ތައްޔާރަށް." މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި އިންޑިއާ ސަރުކާރުން ބަހައްޓާ ރާޑަރު ސިސްޓަމްތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އައިސްފައިވާކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ އެފަދަ ހަމަލާތަކުން ރައްކާތެރިވެ ތިބުމަށް ރާޑަރު ސިސްޓަމުތައް މުހިންމު ކަމަށެވެ.

މާރިޔާ ވިދާޅުވީ ސިފައިންގެ ތެރޭގައި ކަންކަން ހިނގަމުން ދަނީ އެންމެ އާދައިގެ އޮފިސަރުގެ ވެސް ބައިވެރިވުމާއި އެމީހުންގެ ލަފަޔާއި އެއްކޮށް ކަމަށެވެ. އެންމެންގެ ބައިވެރިވުން ނެތި ކަންކަން ރަނގަޅަށް ތަންފީޒު ވެގެން ނުދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ

ކާރިސާގެ ވަގުތުތަކުގައި ރެއެއް ދުވާލެއް ނެތި ސިފައިން ކުރަމުންދާ ހިދުމަތަށް މާރިޔާ ތައުރީފު ކުރެއްވި އެވެ. ނިމިދިޔަ ބޮޑު އީދުގައި ސިފައިން ނުކުމެ ފެންބޮޑުވި ތަންތަނުން ފެން ހިންދުމާއި ދިމާވި އެހެން ހާދިސާތަކުގައި އެހީވުމުން މާރިޔާ ތައުރީފު ކުރެއްވި އެވެ.

"މީޙުންގެ ފުރާނަ ސަލާމަތް ކުރުމާއި. މީހުން ގެއްލުނީމަވެސް ހޯދުމާއި. ސާޗުއެންޑް ރެސްކިއުއާއި. މިހުރިހާކަމެއް ހަގީގަތުގައި ސިފައިން ކުރައްވާ. މިދިޔަ ބޮޑު އީދު ތެރޭގައިވެސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ވަރަށް ގަދަކޮށް ރާއްޖެ އޮތީ. އެއްތަނުން އެއް އޮޑި ބަންޑުން ޖަހާލާނެ. އަނެއްތަނުން ގޭގެ ފުރާޅުތައް އުކާލާނެ. އަނެއްތަނެއްގައި ފެންބޮޑުވާނެ. މުޅި އީދު ބަންދު އަޅުގަނޑުމެން އެންމެން ތިބީ އަނެއްހެން ބަލާއިރު ޗުއްޓީގައި އެކަމަކު ސިފައިން ހަމަ ރެޔާ ދުވާލާ މަސައްކަތް ކުރަމުން ދިޔައީ." މާރިޔާ ވިދާޅުވި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖަހައި މައުންޓް ގާޑު ކުރުމުގެ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފަ އެވެ.

comment ކޮމެންޓް