ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ 132 ވަނަ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމަށް ހެނދުނު 06:00 ގައި، ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާއެއް ބޭއްވި ކަމަށެވެ. އެ ޖަލްސާ ޝަރަފުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ.
އެ ރަސްމިއްޔާތުގައި ޣައްސާން ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރުކަމުގައިވާ، "ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިއާރު ހާމަ ކޮށްދެއްވައިފައެވެ. އެ ރަސްމިއްޔާތު ނިންމާލީ ދުޢާއަކާއި ސިފައިންގެ ޙާއްޞަ ލަވައިންނެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު މި ރަސްމިއްޔާތު ބާއްވައިފައެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.
މީގެއިތުރުން، ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ"ގެ 34 ވަނަ ޢަދަދު ވެސް މި ރަސްމިއްޔާތުގައި ވަނީ ނެރެދެއްވާފައެވެ.
ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ އެޕްރީލް 21، 1892ގައެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.