ބަދަލަށް ދެވޭނެ މިންވަރު ގާނޫނުން ލިމިޓުކުރުމަށް ފިނޭންސް ދެކޮޅު

މިނިސްޓަރު އަމީރު: ބަދަލު ދޭނެ ވަރު ގާނޫނަކުން ކަނޑައެޅުމަކީ ދަތި ކަމެއް ކަމަށާއި އެންމެ ރަނގަޅު ގޮތްވެސް ނޫންކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ މަޖިލިސް

އެގްރިމަންޓުތައް އުވާލުމުން ދައުލަތުން ދޭންޖެހޭ މާލީ ބަދަލު ގާނޫނަކުން ކަނޑައެޅުމަކީ ދަތިކަމެއް ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކުގެ ދަށުން ދޭންޖެހޭ މާލީ ބަދަލުތައް ދިނުމުގައި ދައުލަތަށް ބުރަ ނުވާނޭ އުސޫލެއް ގާއިމުކޮށް އެ އުސޫލުގެ ދަށުން ބަދަލު ދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން ވަނީ ހުށަހަޅުއްވާފައެވެ. އެ ގަރާރުގައި ގޮވާލާފައިވާ އެންމެ މުހިންމު އެއް ކަމަކީ، ދައުލަތުން ބަދަލު ދޭންޖެހޭ ހާލަތުގައި ބަދަލުގެ ގޮތުގައި ދޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅުމަށެވެ.

އެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރަމުން އަންނައިރު، އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ގަރާރާ ގުޅޭގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ، މިހާރުވެސް ގެއްލުމާއި ލަފާކުރެވޭ ގެއްލުމަށް [ފޯސިއަބަލް ލޮސްއަށް] ބަލައި ގެއްލުމުގެ ބަދަލު ނެގޭނެކަމަށް ކޮންޓްރެކްޓް ގާނޫނުގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދުތައް ގާނޫނުން ލިމިޓުކޮށްފިނަމަ އުދަގޫތަކެއް ދިމާވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގެއްލުންތަކެއްވެސް ލިބިދާނެ މިސާލަކަށް ކޮމްޕެންސޭޝަންގެ ލިމިޓެއް ލީމަ. މިިހާރުވެސް މަސައްކަތް މި ކުރަނީ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 50 ޕަސަންޓް ދީގެން. ދެން އޭރަށް އެޑްވާންސް ޕޭމަންޓް 80 ޕަސަންޓަށް ކްލެއިމްކުރާނެ މިސާލަކަށް. އޭރަށް ކޮންޓްރެކްޓްސްތައް ހިންގުމަށް ދަތިވާނެ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ގާނޫނުގައި ދޭނެ ގެއްލުމުގެ ބަދަލު ނުހިމެނި ނަމަވެސް އެ ކޮންޓްރެކްޓެއްގައި އެ ބަދަލެއް ހިމެނުމަކީ ގަބޫލުކުރާ ކަމެއް ކަމަށެވެ. އަދި އިތުރަށް ކޮންޓްރެކްޓެއްގައި ހުންނަ ޖެހޭ ޝަރުތުތައް ގާނޫނުގައި ކަނޑައެޅިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނަކަށް ލެވިދާނެ އަންފެއާ ކޮންޓްރެކްޓް ޓާމްސްއަކީ ކޮބާތޯ. އެފަދަ ގާނޫނީ މެކޭނިޒަމެއް ލެވިދާނެ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ގަރާރުގައި އޮތީ ވަރަށް ބޮޑަށް ސަރުކާރު ހިމާޔަތްކުރާ ގޮތަށް ކަމަށާއި އަމިއްލަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ނެތް ކަމަށެވެ. ނަމަވެސް އަމިއްލަ ފަރާތްތަކުން އުފުލާ ހަގީގީ ބުރައިގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ސަރުކާރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ކޮންޓްރެކްޓެއް ހަވާލުކޮށްފައި، އެއަށް ފޮނުވާ އިންވޮއިސްއަށް ޕޭމެންޓު ނުދައްކާ ގިނަ ދުވަސް ވާނަމަ އެއީ މައްސަލައެއް ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން ފަދަ އިއްތިހާދުތަކުންވެސް ޕޭމަންޓުތައް ވަކި މުއްދަތެއްގައި ދެއްކުމަށް ގާނޫނުތައް ހެދިފައިވާ ކަމަށެވެ. އެގޮތުން ގާނޫނު ހަދާ އިރު، 30 ދުވަސް ތެރޭގައި ޕޭމަންޓު ހެދެން ޖެހޭ ގޮތަށް އަދި ހާއްސަ ހާލަތްތަކުގައި 60 ދުވަސްތެރޭ ޕޭމަންޓު ހެދެން ޖޭހޭނެ ކަމަށް ހިމެނުމަށް މިނިސްޓަރު ހިޔާލު ދެއްވިއެވެ.

"އެހެން ނޫން ނަމަ އަންފެއާ [ބޭއިންސާފު] ގޮތަކަށް މާނަ ކުރެވޭނީ،" އަމީރު ވިދާޅުވިއެވެ.

https://sun.mv/123521

އޭނާ ވިދާޅުވީ، ގަރާރުގައި ކޮންޓްރެކްޓުތަކުގެ ޖޫރިމަނާ ކުޑަކުރުމަށް ހިމަނާފައިވާ ކަމަށެވެ. އެގޮތަށް ޖޫރިމަނާ ކޮންޓްރޯލުކުރުމަށް ގާނޫނީ މެކޭނިޒަމެއް ގެނައުމަށް ތާއީދު ކުރާކަމަށް އަމީރު ވިދާޅުވިއެވެ.

"ފޯސިއަބަލް ލޮސް ކިހިނެއްތޯ ގާނޫނީ މެކޭނިޒަމްގެ ތެރެއިން ގެޕެއް ލާނީ. އެއީ އުދަގޫވާނެ ކަމެއް. ނަމަވެސް ލޭޓް އިންޓްރެސް ޕޭމަންޓު އެއީ ގާނޫނީ އިމުގެ ތެރެއިން ގެޕެއް ލެވިދާނެ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކުންފުނިތަކަށް މިހާރު ދީފައިވާ ބަދަލުތަކަކީ ލިބުނު ގެއްލުމަށްވުރެ ބޮޑު ބަދަލެއް ކަމަށް ގަރާރުގައި ބުނެފައި އޮތް ނަމަވެސް އެކަން އެގޮތަށް ދިމާވީ ކުރީގެ ސަރުކާރުތަކުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަންކަން ފުރިހަމަ ނުކޮށްގެން ކަމަށެވެ. އެގޮތުން ޕީއެސްއެމްއިން ބިޒްނަސް އިމޭޖް ގްރޫޕު (ބިގް)އަށް ބަދަލުދިން މައްސަލައާއި ދީބާޖާގެ މައްސަލައިގައި، އޮންނަ މުއްދަތުގެ ތެރޭގައި ސަރުކާރުން ކޯޓުތަކުަގއި އިސްތިއުނާފުކޮށްފައި ނުވާކަން އަމީރު ފާހަގަކުރެއްވިއެވެ.

https://sun.mv/126496

އެއްބަސްވުންތައް ބާތިލްކޮށްގެން ކުންފުނިތަކަށް ބަދަލު ދޭން ޖެހޭ މައްސަލަތަކަށް ސަރުކާރުން މިހާރު ވަނީ ސެޓްލްމަންޓް ކޮމިޓީއެއް އެކުލަވާލާފައެވެ. އަމީރު ވިދާޅުވީ އެ ކޮމިޓީއަށް މިހާތަނަށް 32 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތައް ބަލައި ރައީސުލްޖުހޫރިއްޔާއަށް ލަފާ ދޭ ކޮމިޓީއަށް ފޮނުވާ ކަމަށެވެ. އަދި އަމަލުކުރަނީ އެ ލަފަޔަކާ އެއްގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލުކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައި ވެއެވެ.

ދައުލަތުން ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާ ކަމަށް ރައީސް ވިދާޅުވިއިރު، އެއީ ދައުލަތުގެ ބަޖެޓްގެ 23 ޕަސަންޓެވެ. ދައުލަތުގެ ބަޖެޓްގެ އަދަދަކީ 30 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް