ނޫމަޑި އާބިޓްރޭޝަންގައި ދިން ބަޔާންތަކާ ގުޅިގެން މުއިއްޒު، ކޮމިޓީއަށް ހާޒިރުކުރަނީ

ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގެ އާބިޓްރޭޝަނުގައި ދިން ބަޔާންތަކާ ގުޅިގެން ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

ނޫމަޑިން އެ މައްސަލައިގައި ބަދަލުހޯދަން މައްސަލަ ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. ނަމަވެސް ކޯޓުން ބޭރުން އެ މައްސަލަ ހައްލުކޮށް، ދެ ފަރާތުން އެއްބަސްވި ގޮތަށް 55 މިލިއަން އެމެރިކާ ޑޮލަރު (848،100،000 ރުފިޔާ) ސަރުކާރުން ވަނީ އެކުންފުންޏަށް ދީފައެވެ.

ދައުލަތުން އެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން ދޭންޖެހޭ މާލީ ބަދަލުތައް ދިނުމުގައި ދައުލަތަށް ބުރަ ނުވާނޭ އުސޫލެއް ގާއިމްކޮށް އޭގެ ދަށުން ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ނޫމަޑީގެ އާބިޓްރޭޝަނުގައި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދީފައިވާ ބަޔާންތައް ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ.

https://sun.mv/125531

އެ މައްސަލަ ދިރާސާކުރުމަށް ބުދަ ދުވަހު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، އަންނަ ހަފްތާގެ ހޯމަ ދުވަހު ކޮމިޓީއަށް މުއިއްޒު ހާޒިރުކުރާނެކަމަށް ނާޝިޒް ވިދާޅުވިއެވެ.

"[އެކަމާ ގުޅިގެން] ޑރ. މުއިއްޒަށް މިހާރު ވާނީ ސިޓީ ފޮނުވާފައި،"ނާޝިޒު ވިދާޅުވިއެވެ.

މިއަދު ކޮމިޓީ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ބަދަލު ދޭންޖެހޭ މައްސަލަތަކުގައި މާލީ ބުރަ ދައުލަތައް މިހާރު އުފުލަން ޖެހެނީ ކުރީގެ ސަރުކާރުތަކުން ކުރަން ޖެހޭ ކަންތައްތައް ނުކުރެވުމުން ކަމަށެވެ.

އަދި ނޫމަޑި މައްސަލައިގައި ކުރީގެ ސަރުކާރުގެ ވަޒީރުން އެ ކުންފުންނާ އެކޮޅަށް އަދި ދައުލަތާ ދެކޮޅަށް ހެކިބަސް ދިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ވަޒީރެއް ކަމެއް އަމީރު ވިދާޅެއް ނުވެއެވެ.

"މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ ހަގީގަތުގައި އޭރުގެ ސަރުކާރުތަކުން އޭރު ތިއްބެވި އޮތޯރިޓީސްތަކުން ނަގަން ޖެހޭ ޑިސިޝަންތައް ނުނެގުމަ، ކުރަން ޖެހޭ ކަންތައްތައް ނުކުރެވުނީމަ އޭގެ ބުރަ އައިސްގެން އުޅެނީ،" އަމީރު ވިދާޅުވިއެވެ.

ޖުލައި މަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މި މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން، ދައުލަތުން ބަދަލު ދޭ އިރު، އެކަން މެދުވެރިކުރި ބަޔަކާ ދޭތެރޭ ވިސްނާލަންވެސް ޖެހޭކަމަށް ވިދާޅުވިއެވެ.

http://www.sun.mv/125765

"އާބިޓްރޭޝަން ސެންޓަރުތަކަށް ގޮސްވެސް ގޮސްވެސް ވަރަށް ސާފުކޮށް އެކަން ކުރި މީހުން އެބަ ބުނޭ ތިމަންނާމެން އެކަން ކުރީ ގާނޫނާ ހިލާފަށޭ. ނޫމަޑި މައްސަލައިގައި ވެސް ސިންގަޕޫރު އާބިޓްރޭޝަންގައި ވެސް ކޮންމެވެސް ބޭފުޅަކު އެހެން ވިދާޅުވި ކަމަށް ވަނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވަނީ ލަފާކުރައްވާފައެވެ. މިހާތަނަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް