ތުރުކީގެ އިގުތިސާދު ފުނޑުކޮށްލަފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތުރުކީގެ އިގުތިސާދު ފުނޑުފުނޑުކޮށްލާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޮކްޓޯބަރު 8): ތުރުކީގެ އަސްކަރިއްޔާއިން ސީރިއާގެ އުތުރުގައި އަމަލު ކުރަނީ އެމެރިކާއިން ނުރުހޭ ގޮތަކަށްވާ ނަމަ، ތުރުކީގެ އިގުތިސާދު ފުނޑުފުނޑުކޮށްލާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ރައީސް ޓްރަމްޕް އެފަދައިން ވިދާޅުވީ، ސީރިއާގެ އުތުރުގައި ތުރުކީގެ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްގެންދަން ފުރުސަތުދީ، އެމެރިކާގެ ސިފައިން އެސަރަހައްދުގައި ދެން ހަރަކާތްތެރި ނުވާނެ ކަމަށް ބުނާ ބަޔާނެއް ވައިޓްހައުސްއިން ނެރުނު ފަހުންނެވެ.

އުތުރު ސީރިއާއަކީ، އެމެރިކާގެ އަސްކަރީ އެހީ އާއި ތަމްރީނާއެކު އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރި ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް)ގައި އިސް ދައުރެއް އަދާކުރާ ކުރުދީ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) ހަރަކާތްތެރިވާ ސަރަހައްދެވެ.

ތުރުކީން ދެކޭ ގޮތުގައި ވައިޕީޖީއަކީ އެގައުމުން މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބަޔެކެވެ. އަދި އެގައުމުން ވަނީ އުތުރު ސީރިއާގައި ހަރަކާތްތެރިވާ ކުރުދީންނަށް ހަމަލާ ދޭނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް އިންޒާރު ދީފައެވެ. އަދި އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ސީރިއާގެ އިރުއުތުރުގައި "ސޭފް ޒޯން"އެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެ ޒޯނުގެ މަގުސަދަކީ ތުރުކީގައި ތިބި ސީރިއާގެ ރެފިއުޖީންނަށް ރައްކާތެރިކަމާއެކު ސީރިއާއަށް ދެވޭނެ ގޮތެއް މަގު ފަހިކުރުން ކަމަށް އުރުދުޣާން ވިދާޅުވެއެވެ.

އަދި އިއްޔެ ތުރުކީގެ ޑިފެންސް މިނިސްޓްރީން ވަނީ ސޭފް ޒޯން ގާއިމުކުރުމަށް ކުރިއަށްގެންދާނެ އޮޕަރޭޝަނަށް ވާން ޖެހޭ ހުރިހާ ތައްޔާރިތައްވެ ނިމިފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް ސީރިއާގެ އުތުރުގައި އެމެރިކާ ސިފައިން ހަރަކާތްތެރި ނުކުރުމަށް ވައިޓް ހައުސްއިން ނިންމި ނިންމުމަށް އެމެރިކާގެ ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުންވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ އެގައުމުގެ ސިފައިންނާ އެކު ހަނގުރާގެމަ ކުރި ފައުޖުތަކަށް ދިން ބޮޑު ގެއްލުމެއް ގޮތުގައި ސިފަކޮށްފައެވެ.

އޭގެ ސަބަބުން އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުން ވަނީ އެގައުމުން ސީރިއާގެ އުތުރުގައި ތުރުކީން ކުރިއަށްގެންދާނެ ކަމަށް ބުނާ އޮޕަރޭޝަނަށް ތާއިދު ނުކުރާނެ ކަމަށާއި އެ އޮޕަރޭޝަނުގައި އެގައުމުގެ ސިފައިން ބައިވެރި ނުވާނެ ކަމަށްވެސް ބުނެފައެވެ.

އަދި ޓްރަމްޕްވެސް ވަނީ ތުރުކީއަށް އިންޒާރު ދެއްވާފައެވެ.

"އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަނެއްކާވެސް ތަކުރާރު ކުރަން، ތުރުކީން ކޮށްގެން ނުވާނެ ކަމަށް އަޅުގަނޑުގެ ދެވަނައެއް ނެތް ބުއްދިވެރި [ފިކުރުން] ދެކޭ ކަމެއް އެގައުމުން ކޮށްފިނަމަ، ތުރުކީގެ އިގުތިސާދު ފުނޑުފުނޑުކޮށްލާނަން،" ޓްރަމްޕްގެ ޓުވީޓެއްގައި ވެއެވެ.

ސީރިއާގައި އައިއެސް ނައްތާލުމަށް ކުރިއަށްގެންދިޔަ ހަތަރު އަހަރުގެ ހަނގުރާމައިގައި އެއްގަމުން ހަމަލާތައް ދެމުންދިޔަ އެސްޑީއެފްގެ ފައުޖުތަކަށް އެހަނގުރާމައިގައި ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި އެސްޑީއެފްއިން ވަނީ އެމެރިކާގެ ނިންމުން ކުށްވެރިކޮށް، އެމީހުންގެ ބިން ދިފާއު ކުރުމުގައި ދެމި ތިބޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް