އިންޑިއާ ސިފައިންގެ ވެރިޔާ، ޑިފެންސް މިނިސްޓަރު މާރިޔާއާ ބައްދަލުކުރައްވައިފި

އިންޑިއާ ސިފައިންގެ ވެރިޔާ ބިޕިން ރާވަތު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ މިއަދު ބައްދަލުކުރައްވަނީ ---- ފޮޓޯ/ އެމްއެންޑީއެފް

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއާ ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މިއަދު ހެނދުނު އެ ދެ ބޭފުޅުން ބައްދަލުކުރައްވައި، ދިފާއީ ރޮނގުން ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ.

އަދި އެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ބިޕިން ރާވަތުއާ މާރިޔާ މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރުއާއި، ޗައިފް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ދެގައުމުގެ ޑިފެންސް އެޓާޝޭއިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާ ސިފައިންގެ ވެރިޔާ އިއްޔެ ރާއްޖެ ވަޑައިގެންނެވި އިރު، އޭނާ އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާވެސް ބައްދަލުކުރައްވައިފައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ރާވަތު ރާއްޖެ ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާނެއެވެ. އަދި ބައެއް އެހެން ވަޒީރުންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއާޓާ ޅ. މާފިލާފުށި، ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަށް ޒިޔާރަތެއްވެސް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް