ރޭ މޭލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ނިޔާވި ތ. ބުރުނީ ފެންފިޔާޒުގެ އައިޝަތު ޝައުނާ، 46، މިއަދު އާ ސަހަރާގައި ވަޅުލައިފި އެވެ.
ރޭ އިރާކޮޅު ހިނގި އެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައިވަނީ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގަ އެވެ. އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރި އެ ތަންތަނަށް ވަނީ އެކީހެން އަނދައިފަ އެވެ.
އަލިފާން ރޯވެފައި ހުރި ގެތަކުން މީހުން ހުސް ކުރިފަހުން ވެސް އިތުރު މީހެއްގެ ހަބަރު ނުވެގެން އާއިލާ އިން ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމަށް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ ފަރާތްތަކުން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފަ އެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޝައުނާގެ ޖަނާޒާގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގަންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ފަހުން ވަނީ މީހެއްގެ ހަށިގަނޑު ފެނިފަ އެވެ. އަދި އޭއީ ކާކުކަން ނޭނގޭ ވަރަށް އަދާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ފެނުނު ހަށިގަނޑު އޭޑީކޭއަށް ގެންދިޔުމަށް ފަހު އެއީ ގެއްލިގެން ހޯދަމުން ދިޔަ ޝައުނާ ކަން ވަނީ ކަށަވަރު ވެފަ އެވެ.
މި ހިތާވެރި ހާދިސާގައި ފުރާނަ ގެއްލިގެން ދިޔަ އައިޝަތު ޝައުނާ، ތ. ބުރުނީ ދިރިއުޅެމުން އައީ އަލިފާން ފުރަތަމަ ހިފި ގުދަނުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ހ. ރަނދުވާނިއާގޭގަ އެވެ. އޭނާގެ ބޭބެޔަކާ އެކު އެކަނި ދިރިއުޅެމުން ދިޔަ ޝައުނާ މަރުވާން ދިމާވީ އޭނާ ހުރި ގެއިން ނުނިކުމެވި ތާށިވެގެން އެވެ.