އެމްޓީސީސީގެ ފެރީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިފިއެވެ.
އެމްޓީސީސީ އިން ބުނީ ފެރީތަކުގައި "ހޮޑު ކޮތަޅު" ގެ ގޮތުގައި މީގެ ކުރިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރި ނަމަވެސް މިއަދުން ފެށިގެން ބޭނުންކުރާނީ ކަރުދާސް ކޮތަޅު ކަމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހުތިޔާރު ކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެކެވެ.
މޫދަށް އުކާލާ ޕްލާސްތިކް މަދުކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހުތިޔާރު ކުރުމަށް އެމްޓީސީސީ އިން އެޅި މި ފިޔަވަޅާއެކު އެކުންފުނީގެ ފެރީތަކުން ޕްލާސްޓިކް ކޮތަޅު މޫދަށް އުކުން ނިމުމަކަށް އައީއެވެ.
އެކުންފުނީގެ ފެރީގެ ހިދުމަތް ދުވާލަކު 26000 މީހުން ހޯދާއިރު މިއީ އަހަރަކު 9.5 މިލިއަން މީހުންނެވެ.
އެމްޓީސީސީ އިން ވަނީ އެކުންފުނީގެ ފެރީ ޓާމިނަލް ތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފައެވެ. ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހުތިޔާރު ކުރުުމަށް އާދިއްތަ އިން ބުރާސްފައްޗަށް ވަކި ވަގުތުތަކުގައި ވިލިމާލެ ފެރީ އިން ދަތުރުކުރާއިރު ކަރުދާސް ޓިކެޓުގެ ބަދަލުގައި ހާއްސަ ޓޯކަންއެއް ބޭނުންކުރަން އެމްޓީސީސީއިން ވަނީ ފަށައިފައެވެ.