އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ ޑިފެންސާއެކު މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ފެތުރޭތީ، އެކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއެކު އިއްޔެ އައްޑޫ ސިޓީ ކައުންސިލާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މި މައްސަލައިގައި ސިޓީ ކައުންސިލުން ޑިފެންސާ އެކު މަޝްވަރާކޮށްފައި ވާއިރު ހައްދުފަހަނައެޅި ޓެރަރިސްޓް ޖަމާއަތް އައިސްއެސްއަށް ތާއީދުކުރާ ގްރެފިޓީ ތަކެއް އައްޑޫ ހިތަދޫގެ އާންމުތަނެއްގައި ކުރެހި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ފާރުގައި ކުރަހާފައި ހުރި ގްރެފިޓީ ފެންނަ ފޮޓޯއެއް އާންމުވުމުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭރު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކޮށް އެ މީހުންގެ ފިކުރު ފެތުރުމާއި އިސްލާމް ދީނަށް ފުރައްސާރަކުރުން އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް މުޖުތަމައުގައި ހިންގާ ހުރިހާ އަމަލުތައް ހުއްޓުވުމަށް ކަމާ ބެހޭ މުއައްސަސާތަކާ އެކު ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.

އިއްޔެ ޑިފެންސް އާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ކާރިސާތައް ދިމާވާ ހާލަތުގައި ގެންގުޅޭނެ ޑިޒާސްޓާ މެނޭޖެމްމަންޓް ޕްލޭނާއި އެފަދަ ހާލަތްތަކުގައި ބޭނުންކުރާ ވަސީލަތްތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

comment ކޮމެންޓް