ވިސާ ނުލިބުމުން ނިހާޓުއާއި ހުސައިން އެނބުރި މާލެއަށް

ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ނިހާޓް އަދި ހުސައިން ޝަރީފް --- ސަން ފޮޓޯ

ވޯލްޑް ކަޕް ކޮލިފައިންގައި މާދަން ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ ފައިނަލް ސްކޮޑުގައި ހިމެނުނު މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު ހުސެއިން ޝަރީފަށް ވިސާ ހަމަނުޖެހުމުން އެނބުރި މާލެ އައުމަށް ތައްޔާރުވެއްޖެ އެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ގައުމީ ޓީމު ސްރީ ލަންކާގައި ކޭމްޕް ޖެހީ ގުއާމާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ދިއުމަށް ވިސާ ނެގުމަށެވެ. މެލޭޝިއާގައި ކޭމްޕް ކުރުމަށް ކުރިން ރާވާފައި އޮތް ނަމަވެސް ގުއާމަށް ދިޔުމަށް އެމެރިކާ ވިސާ ނަގަން ދިގު މުއްދަތެއް ނަގާތީ ގައުމީ ޓީމުގެ ތަމްރީންތައް ލަންކާގައި ކުރިއަށްގެންދަން ނިންމީ އެވެ.

ވިސާގެ ކަންކަން ހަމަޖެހުމަށް ފަހު މި މަހުގެ އެއްވަނަ ދުވަހު ޓީމުގެ 21 ކުޅުންތެރިއަކު ގުއާމަށް ގޮސްފައިވާއިރު، ވިސާ ނުލިބި މި ވަގުތު ލަންކާގައި ތިބީ މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ ނިހާޓާއި ކީޕަރު ހުސެން އެވެ. ގުއާމާއި ބައްދަލު ކުރާ މެޗު މާދަން ހެނދުނު ކުޅޭ އިރު އެ ދެކުޅުންތެރިންގެ ވިސާ އަދިވެސް އޮތީ ޕެންޑިންގްގަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "ސަން" އަށް ވިދާޅުވީ ނިހާޓުއަށާއި ޓީމުގެ ދެވަނަ ކީޕަރު ހުސައިން ޝަރީފުގެ ވިސާ ކަންތައް އަދިވެސް ހަމަނުޖެހޭ ކަމަށެވެ.

"ދެ ކުޅުންތެރިންގެ ވިސާ ކަންތައް އަދިވެސް ހަމަނުޖެހޭ. އެކަންތައް އަދިވެސް އޮތީ ޕެންޑިންގްގައި. އެހެން ކަމުން މެޗުގެ ކުރިން އެ ދެކުޅުންތެރިންނަށް ގުއާމަށް ނާދެވޭނެ."

ދެ ކުޅުންތެރިންނަށް ވިސާ ހަމަނުުޖެހުމުން އެ ކުޅުންތެރިން ދެން އަނބުރާ އަންނާނީ މާލެއަށް ކަމަށް ވެސް ޖަވާ ވަނީ ވިދާޅުވެފަ އެވެ.

ކުޅުންތެރިންގެ ވިސާ އެޕޮއިންޓްމަންޓްތައް ވަކިވަކިން ހަމަޖެހުނުއިރު، ކޮންމެ ކުޅުންތެރިއަކަށް ވެސް ވިސާ ހަމަޖެހުނީ ވަރަށް އުނދަގުލުންނެވެ. އެހެން ކަމުން އެކަމާ ގުޅިގެން އޭއެފްސީ އާއި ފީފާއާއި ވެސް ވާހަކަ ދައްކާފައިވާ ކަމަށް އެފްއޭއެމުން ކުރިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ގުއާމާ ދެކޮޅަށް އެކި ގައުމުތަކުން ކުޅުނު މެޗުތަކުގައި ވިސާ މައްސަލަ ޖެހިގެން ބައެއް ޓީމުތަކުގެ ކުޅުންތެރިންނަށް ނުކުޅެވިފައި އެބަހުރި ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ނިހާޓަކީ ފަހަކަށް އައިސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި ކީޕަރު ހުސެން ވަނީ މިިދިޔަ އަހަރު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި ދާދި ފަހުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ މެޗެއްގައި ރާއްޖޭގެ ގޯލު ބަލަހައްޓައިފަ އެވެ.

ގުއާމާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅޭނެ އަނެއް ކުޅުންތެރިއަކީ މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އެއީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އިއްބެ ގެ އާއިލާ މެމްބަރުން ހިމެނޭތީ އޭނާ އާއިލާ މެމްބަރުންނާ އެކު ގިނަ ވަގުތު ހޭދަކުރުމަށް ޓީމުން ރިލީސްދީފައި ހުރުމުންނެވެ.

comment ކޮމެންޓް