ފީފާއާއި އޭއެފްސީން އަންގައިގެން އެފްއޭއެމްގެ އިންތިޚާބު އަނެއްކާވެސް މަޑުޖައްސާލައިފި

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ފީފާ އާއި އޭއެފްސީ އަންގައިގެން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބު އަނެއްކާވެސް މަޑުޖައްސާލައިފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) މީޑިއާތަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ގިނަ މައްސަލަތަކެއް ފީފާއަށް ހުށަހެޅުމާއެކު، އެ މައްސަލަތައް ބެލުމުގެ ގޮތުން ފީފާ އާއި އޭއެފްސީން ވަނީ އިންތިޚާބު މަޑުޖައްސާލުމަށް އަންގާފައި ކަމަށެވެ.

އެ މައްސަލަތައް ބެލުމަށް ފީފާ އާއި އޭއެފްސީއަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އެފްއޭއެމުން ދޭނެ ކަމަށާއި އެފްއޭއެމްގެ ހިންގުމުގައި ތިއްބެވި ވެރިން އަބަދުވެސް ފުޓުބޯޅައިގެ ރޫހާއި އުސޫލުތައް ހިމާޔަތްކުރައްވާނެ ކަމަށް ޖައު ވިދާޅުވިއެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އިންތިޚާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވާފައިވަނީ މިހާރު ވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލާއި އެ އިދާރާގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަތު ތާރިގު (ޓޮމް) އެވެ.

ރައީސްކަމަށް ވާދަކުރުމަށް ފުރަތަމަ ޑިވިޝަންގެ ތިން ކްލަބެއްގެ ތާއީދު އޮންނަން ޖެހޭއިރު، ޓޮމް ކެންޑިޑެސީ ހުށަހަޅުއްވާފައިވަނީ ކްލަބު ވެލެންސިއާގެ ވެސް ތާއީދު ސިޓީ ހިމަނައިގެންނެވެ.

ދާދި ފަހުން އެފްއޭއެމުން ވެލެންސިއާގެ މައްސަލަ ބަލައި، ފުޓުބޯޅަ ހަރަކާތްތަކުން އެ ކްލަބު ސަސްޕެންޑުކުރުމުން ޓޮމް ހުށަހެޅުއްވި ވެލެންސިއާގެ ތާއީދު ސިޓީއާ އެކު އަނެއްކާ ވެސް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އޮތީ ބެލެވިފައެވެ.

މި މަހުގެ ކުރީކޮޅު އެފްއޭއެމުން ވެލެންސިއާ ސަސްޕެންޑުކުރީ އެ ކްލަބުގެ ހިންގާ ބޯޑު ގަވާއިދާ ހިލާފަށް އޮޅުވާލައިގެން ބަދަލުކުރި ކަމަށް ބުނެ، ވެލެންސިއާގެ ބައެއް ބޯޑު މެންބަރުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީނާ ދެކޮޅަށް އެ ކްލަބުން ވަކިކުރި ބޯޑު މެންބަރުން ވަނީ ވަގުތީ އަމުރެއް ނެރެން ސިވިލް ކޯޓަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ސިވިލް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.

ސަސްޕެންޝަނާ ކުރިމަތިލާން ޖެހުމުން ވެެލެންސިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ އެފްއޭއެމުން ރާވައިގެން، އިންތިޚާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމަށް ކުރިމަތިކުރުވި ސަސްޕެންޝަނެއް ކަމަށެވެ.

މިއީ އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރި ދެވަނަ ފަހަރެވެ.

ފުރަތަމަ ފަހަރު ވެސް ވެލެންސިއާގެ ތާއީދު ސިޓީ، ދެ ކެންޑިޑޭޓުންނަށް ދީފައިވުމުން މައްސަލަ ކުރިމަތިވިއެވެ. ނަމަވެސް އެ ފަހަރު ބައްސާމް ވާދަނުކުރެއްވުމަށް ނިންމަވައި، ފޯމު ހުށަހަޅުއްވައިފައެއް ނުވެއެވެ. އެ ފަހަރު ފޯމު ހުށަހެޅުއްވީ ޓޮމްގެ އިތުރުން އޭރު އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުފާވިޒް ހާޝިމް (މުފާ) އެވެ. ނަމަވެސް ފަހުން މުފާ ވަނީ ހިންގާ ކޮމިޓީން އިސްތިއުފާދެއްވައިފައެވެ.

އެފްއޭއެމްގެ އެ އިންތިޚާބު ކެންސަލްކޮށް އަލުން އިންތިޚާބަށް ހުޅުވާލުމަށް އަންގާފައިވަނީ ފީފާއާއި އޭއެފްސީން މައްސަލަތައް ބެލުމަށްފައެވެ. ޓޮމް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު ފީފާއާއި އޭއެފްސީން ވަނީ އިލެކްޓޯރަލް ކޯޑާ އެއްގޮތަށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކުން އިންތިޚާބާ ބެހޭ ކޮމިޓީތައް އެކުލަވައިލުމަށް ވެސް ނިންމައިފައެވެ.

comment ކޮމެންޓް