ޓެކްސީތަކުން ގިނައިން ފައިސާ ނަގާތޯ ބެލުމަށް އޮޕަރޭޝަނެއް ފަށައިފި

މާލޭ މަގެއްގައި ދުއްވާފައިދާ އުޅަނދުތަކެއް -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާމެދު ފިޔަވަޅު އެޅުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަނުގައި ޓެކްސީތަކުން ފައިސާ ނަގާ މިންވަރާއި، ޓެކްސީއަކީ ރޯޑް ވާދިނަސް މިންގަނޑަށް ފެތޭ ޓެކްސީއެއްތޯ ބަލާނެ ކަމަށެވެ. އަދި ޓެކްސީއަކީ އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ނުވާ އުޅަނދެއްތޯވެސް އެ އޮޕަރޭޝަނުގެ ތެރެއިން ބަލާނެކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައި މިވަނީ ޓެކްސީތަކުގެ އަގު ކޮންޓްރޯލުކޮށް މާދަމާއިން ފެށިގެން އާ އަގުތަކަށް އަމަލުކުރަން ނިންމާފައި ވަނިކޮށެވެ. މީގެ ކުރިން މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ޓެކްސީތަކުން 100 ރުފިޔާ ޗާޖުކުރި ނަމަވެސް މާދަމާއިން ފެށިގެން އަމަލު ކުރާ އަގުތަކާއެކު މި އަދަދު ކުޑަވާނެއެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރު ހުޅުމާލެ ތެރެއާއި މާލެ ތެރޭގައި ޓެކްސީ ދަތުރު ކުރެވޭނެ އަގަކީ 25 ރުފިޔާއެވެ. މާލެއާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާއެވެ. މާލެ އަދި ހުޅުމާލެއިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިޔާއަށެވެ.

ޓެކްސީ ގަވައިދު ބުނާގޮތުން ޓެކްސީތަކުން ނަގާ އަގަކީ ޓްރާންސްޕޯޓު އޮތޯރިޓީއިން ކަނޑައަޅާފައިވާ އަގަކަށް ވާންޖެހެއެވެ. އަދި ޓެކްސީ ކުރާ އުޅަނދަކީ ރޯޑް ވާދިނަސް މިންގަނޑަށް ފެތޭ، އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ވެފައިނުވާ އުޅަނދަކަށް ވާންޖެހެއެވެ.

ޓެކްސީތަކަށް އަމާޒުކޮށް ފުލުހުންގެ އޮޕަރޭޝަނެއް ފަށާއިރު، ޓްރާންސްޕޯތުން ކޮންމެ އަގެއް ކަނޑައެޅިނަމަވެސް މިހާރު ނަގާ އަގު ކުޑަނުކުރާނެ ކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ބުނެފައެވެ. އަދި އަލަށް އެކުލަވާލި އަގުތަކަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.

ޓެކްސީ އަގަށް ބަދަލު ގެނެސް ޓެކްސީކުރުމުގެ ކަންތައް އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުރުމަށް ވަނީ ނިންމައިފައެވެ. އެޕްލިކޭޝަންތަކަށް ބަދަލުވުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު ތިން އެޕްލިކޭޝަނެއް ރާއްޖޭގައި ޓެކްސީތަކުން ބޭނުން ކުރާނެއެވެ. އެއީ "އަވަސް ރައިޑް"، "އެ އައީ" އަދި ސްރީލަންކާގެ "ޕިކް މީ" އެވެ.

comment ކޮމެންޓް