ބޭލް އެހެން ކުލަބަކަށް ދޫކޮށްލަން ރެއާލް ބޭނުންވޭ: ޒިދާން

ސްޕެނިޝް ކަޕްގައި ރެއާލް މެޑްރިޑް އާއި ފުއެންލަބްރާޑާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑުން ފަށައިފައިވާ ޕްރީ ސީޒަނުގެ މެޗުތަކުން ބާކީ ވެފައިވާ އެ ޓީމުގެ ފޯވާޑް ގެރެތް ބޭލް އެހެން ކުލަބަކަށް ފޮނުވާލަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރެއާލުން ދާދި ފަހުން ކުޅުނު ޕްރި ސީޒަން ފްރެއިންޑްލީ މެޗުގައި ޖަރުމަނުގެ ބަޔާން އަތުން ވަނީ 1-3 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ. މިދިޔަ ޗުއްޓީ ދުވަސްތަކުގައި ގައުމީ ޓީމާ އެކު ގިނަ މެޗުތަކެއް ކުޅެފައި ނުވާ ކުޅުންތެރިންނަށް އިސްކަން ދީގެން ސްކޮޑް އެކުލަވާލި އިރު ބޭކާރު ވެގެން ދިޔައީ ބޭލް އެވެ. ފޯމު ކެޓުމާއި އަނިޔާތަކުގެ ސަބަބުން ރަނގަޅު ކުޅުމެއް ނުދެއްކި ގިނަ ބަައެއްގެ ފާޑު ކިއުންތަކެއް ބޭލްއަށް އަމާޒުވެފައިވާ އިރު އޭނާއަށް ރެއާލުން ދެން އިތުރަށް ޖާގަ ދެވެން ނެތް ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.

ނަމަވެސް ވީހާލެއްގައި ވެގެން ރެއާލުގައި ހުރުމަށް ބޭލް ބޭނުންވާކަން އޭނާ މީގެ ކުރިން ވަނީ ބުނެފަ އެވެ. ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ބޭލް ދޫކޮށްލަން ކުލަބުން ވެސް ނިންމާފައިވާ ކަމަށާއި އޭނާ ދޫކޮށްލާނެ އަގަކާއި ޓީމެއް ކަނޑައެޅުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ފަހު ޓޮޓެންހަމް ދޫކޮށް ބޭލް ރެއާލަށް ބަދަލުވުމަށް ފަހު، ފަހުގެ ތާރީހުތަކުގައި ރެއާލުން ހޯދި ބޮޑެތި ކާމިޔާބީތަކުގައި ބޭލްގެ ހިއްސާ ބޮޑެވެ. ނަމަވެސް ވޭތުވެ ދިޔަ ސީޒަނުގައި އެ ޓީމަށް ލިބުނު ބޮޑު ނާކާމީޔާބީއާ އެކު ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން އެ ޓީމުގެ ކޯޗު ޒިދާން ވަނީ އަންގައިފަ އެވެ.

"ބޭލް އަވަހަަށް ކުލަބު ދޫކޮށްލުން އެންމެ ރަނގަޅު ގޮތަކީ. އެއީ ދެ ފަރާތަށް ވެސް މިވަގުތު އެންމެ ފައިދާ ބޮޑު ގޮތް،" ޒިދާން ބުންޏެވެ.

"އަހަރެން އޭނައާ އެއްވެސް ޒާތީ ކަމެއް ނެތް. މި ކުލަބުގައި ގޮތް ނިންމުމަށްފަހި އެކަން ތަންފީޒު ވާނެ. މިހާރު ބޭލް ދޫކޮށްލަން ވަނީ ނިންމާފައި. އެކަން ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ."

ރެއާލް މެޑްރިޑުން ވަނީ މިހާރު ކުރިއަށް މިދާ "ސަމާ ޓްރާންސްފާ"ގައި ފަސް ކުޅުންތެރިއަކު އެކުލަބަށް ގެނެސްފަ އެވެ. އެގޮތުން ޗެލްސީއަށް ކުޅުނު އެޑެން ހަޒާޑަކީ ބޭލް އެ ކުލަބުން ދޫކޮށްލުމުގެ ގޮތުން ބަދަލުގައި ގެނައި ކުޅުންތެރިއެއްގެ ގޮތުގައި ބެލެވެ އެވެ.

comment ކޮމެންޓް