ސަރުކާރުން ބޭނުންވަނީ ރައީސް ޔާމީން ސިޔާސީ މައިދާނުން އެކަހެރި ކުރަން: އަދުރޭ

އަބްދުއްރަހީމް: އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާ އެއް ކަމަށް --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދެކޮޅަށް ޝަރީއަތް ކުރަނީ، މިއަދުގެ ސަރުކާރުން އެމަނިކުފާނު ސިޔާސީ މައިދާނުން އެއްފަރާތް ކުރުމަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު އެ ދެ ޕާޓީގެ އޮފީސް ހުންނަ ހ. ހުރަފާ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކަމާއެކު ސިޔާސީ ހަރަކާތް ހިންގައި ރައްޔިތުންނާ ބައްދަލުކޮށް ރެލީތައް ބާއްވާ ނަމަ ސަރުކާރަށް މަޑުން އޮންނަން އުނދަގޫ ވާނެ ކަމަށެވެ.

"ކޮންމެ ގޮތެއް ހަދައިގެން ވެސް މިއަދުގެ ސަރުކާރުން އެބަ ބޭނުންވޭ ރައީސް ޔާމީން މި ސިޔާސީ ހަރަކާތްތަކުން އެއްކިބާ ކުރެވޭނެ ގޮތެއް ހޯދަން. އެހެންވީމަ ސިޔާސީ މަސައްކަތްތަކެއް މި ކުރެވެނީ،" އަދުރޭ ވިދާޅުވި އެވެ.

މިއަދު ސަރުކާރުގައި ތިބި ފަރާތްތަކުން ވެރިކަމަށް އައީ ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވެގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއިން އެއްވެސް ވައުދެއް ނުފުއްދި ތަރައްގީގެ މަޝްރޫއެއް ވެސް ނުހިންގޭ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފޯކަސް އެކަންތަކުން ގެއްލުވާލުމަށް އަމާޒުފަތް ގަނޑަކަށް ހެއްދެވީ ރައީސް ޔާމީން ކަން އަދުރޭ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ރައީސް ޔާމީނަށް ދިވެހިންގެ ހިތުގައި އުފެދިފައި އޮތް ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. ސަބަބަކީ ރައްޔިތުންނަށް އެބަ އެނގޭ ރައީސް ޔާމީން މިގައުމަށް ކޮށްދެއްވި ހިދުމަތް،" އަދުރޭ ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާ އިން ރައީސް ޔާމީން ވައްކަން ކޮށްފައި ނުވާނެ ކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހާ ގުޅޭގޮތުން އޭނާ ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ އެޕާޓީން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމުން ފެނިގެންދިޔައީ ސިޔާސީ އެހެން ލީޑަރުންނާ ރެވިފައިވާ ތުހުމަތުތަކަށް ސާބިތުކަންމަތީ ރައީސް ޔާމީން ޖަވާބުދާރީވެވަޑައިގެންނެވި މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ވެސް ކޯޓަށް ވަޑައިގެން އެމަނުކުފާނުގެ ވަކީލުން ވެސް އެތާ ތިއްބަވަނިކޮށް ސީދާ އެމަނިކުފާނު ތެދުވެވަޑައިގެން އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވުމަށްޓަކައި ވާހަކަފުޅު ދެއްކެވީ. އެއީ އަސްލު އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ ކަހަލަ ލީޑަރުންނަކީ،" އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް