"މާމުއި"ގެ ފޮނިކަމަށްފަހު ޑާކްރެއިންގެ މިސްރާބު ނޮވެމްބަރަށް

ޑާކްރެއިންގެ އާ ފިލްމު "ނޮވެމްބަރ" ގެ މަސައްކަތް ވަނީ ފަށާފައި---

ދިވެހި ފިލްމު އިންޑަސްޓްރީގައި ޑާކްރެއިން އެންޓަޓެއިންމަންޓަކީ ވަރަށް ކުރީގައި އުޅޭ ޓީމެކެވެ.

ފިލްމަކަށް ފަހު ފިލްމެއް މެދުކެނޑުމެއް ނެތި ގެނައުމަށް އަމާޒު ހިފާ ޑާކްރެއިން މިހާރު ކުރަމުން އަންނަނީ "ނޮވެމްބަރ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތެވެ.

ފިލްމު "މާމުއި"ގެ ފޮނިކަމަށްފަހު "ނޮވެމްބަރ"ގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. ފިލްމުން ފެންނާނެ "ޔަގީން" ކާސްޓުންތަކަކާ އެކީ ޑާކްރެއިންގެ ޓީމުން ވަނީ ބައްދަލުކޮށް ސްކްރިޕްޓް ކިޔުން ކުރިއަށް ގެންގޮސްފައެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ އާއި ޖުމައްޔިލް ނިމާލެވެ. އަދި ފިލްމު އިންޑަސްޓްރީގެ ލެޖެންޑަރީ އެކްޓަރު އިސްމާއިލް ވަޖީހު ވެސް އެ ފިލްމުން ފެނިގެންދާނެއެވެ.

މޮގާ ބުނީ "ނޮވެމްބަރ"ގެ ޝޫޓިން ކުރިއަށްދާނީ މާލޭގެ އިތުރުން ސިންގަޕޫރުގައި ކަމަށެވެ. އަންނަ އަހަރު ފިލްމުގެ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކުރާ ކަމަށްވެސް މޮގާ ސަންއަށް ބުންޏެވެ.

comment ކޮމެންޓް