ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޕަޓްލާ ހައުސް"ގެ އާ ލަވަ "އޮ ސާކީ ސާކީ" ދައްކާލުމާ އެކު އެތައް ބައެއްގެ ސަމާލުކަން އެ ލަވަޔަށް ހުއްޓިއްޖެ އެވެ.
އަންނަ މަހު 15 ރިލީޒްކުރާ އެ ފިލްމުގެ އެ ލަވަ އަކީ 2004 ގައި ނުކުތް ފިލްމު "މުސާފިރު"ގައި ހިމެނޭ ލަވައިގެ ރީމޭކެކެވެ. ނޯރާ ފަތެހީގެ ކުޅަދާނަ ފަރި ހަރަކާތްތަކަކާއެކު އެ ލަވަ މިހާރު ދޫކޮށްލާފައިވާއިރު އެ ލަވައަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑެވެ.
ނޭހާ ކައްކަރު، ތުލްސީ ކުމާރު އަދި ބީ ޕްރާކުގެ ހިތްގައިމު އަޑުން އެ ލަވަ ކިޔާފައިވާއިރު ލަވަ ރިލީޒްކުރިތާ 24 ގަޑިއިރުތެރޭ އެ ލަވައަށް ވަނީ 16 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.
ލަވަ ރިލީޒްކުރުމާއެކު ބެލުންތެރިންގެ ޝުއޫރުތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަން ފަށާފައެވެ. ލަވަ ސޯޝަލް މީޑިއާގައި ޝެއާކުރަމުން އަންނައިރު މި ލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮއްސައެވެ.
މިދިޔަ އަހަރުވެސް ވަނީ ނޯރާގެ ފޯރިގަދަ ލަވައެއް ފެނިގެން ގޮއްސައެވެ. "ސަތިޔަމޭވް ޖަޔަތޭ" ގައި ނޯރާގެ "ދިލްބަރް" ހިޓްވިއިރު އެ ލަވަ ވަނީ މިދިޔަ އަހަރު އީދު ޝޯތަކުގައި ހުށައަޅާފައެވެ.