ތަމަންނާ އާއި ސަންޖޭ ދަތު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި

ސަންޖޭ ދަތު އަދި ތަމަންނާ ބާޓިއާ--ފޮޓޯ/އިންޑިއާފޯރަމް

ޤަވާއިދާ ޚިލާފަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މެޗުތަކެއް ސްޓްރީމްކުރި މައްސަލައެއްގައި ބަތަލާ ތަމަންނާ ބާޓިއާ ފުލުހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައިފިއެވެ.

މަހާރަޝްތުރާގެ ސައިބާ ސެލްއަށް ތަމަންނާ ހާޒިރުކުރުމަށް ގޮވާލާފައިވާއިރު، މި މައްސަލައާ ގުޅިގެން އެކްޓަރު ސަންޖޭ ދަތުއަށް ވެސް ވަނީ ސައިބާ ސެލްއަށް ހާޒިރުވުމަށް ނޯޓިސް ފޮނުވާފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސަންޖޭ ދަތު މީގެކުރިން ވެސް ސައިބާ ސެލްއަށް ހާޒިރުކުރަން ނޯޓިސް ފޮނުވި ނަމަވެސް އެކްޓަރު ހާޒިރުވެފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން ސުވާލުކުރަން ހާޒިރުވާން އެދުމުން ދެވަނަ ފަހަރަށް ތާރީޚު ބަދަލުކުރުމަށް ސަންޖޭ އެދިފައިވާ ކަމަށްވެސް ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އައިޕީއެލްގެ މެޗުތައް ޤަވާއިދާ ޚިލާފަށް ސްޓްރީމްކުރުމުގެ ސަބަބުން އެ މެޗުތައް ދެއްކުމުގެ ހުއްދަ އޮންނަ ވައިކޮމް ކުންފުންޏަށް އެތައް މިލިއަން ރުޕީސްގެ ގެއްލުމެއް ލިބިފައިވާކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމީ ތަރި ޖެކްލީން ފެނާންޑޭޒް އަދި ރެޕް ލަވަކިޔުންތެރިޔާ ބާދް ޝާހް--ފޮޓޯ/އިންޑިއާ ބްލޫމްސް
ފިލްމީ ޚަބަރުތައް ގެނެސްދޭ ޓައިމްސް އޮފް އިންޑިއާއާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ އައިޕީއެލްގެ މެޗުތަކެއް ޤަވާއިދާ ޚިލާފަށް ސްޓްރީމް ކުރާކަން އެންމެ ފުރަތަމަ ދެނެގަނެވުނީ މިދިޔަ އަހަރުތެރޭގައި ކަމަށެވެ. މި މައްސަލަ ފެންމަތިވުމާ އެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން މެދުވެރިކޮށް ސައިބާ ސެލްއަށް މިމައްސަލަ ހުށަހަޅާފައިވާނެ ކަމަށްވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ސްޓްރީމްކުރުމަށް ބޭނުންކުރާ އެޕްލިކޭޝަންގެ މުވައްޒަފަކު މިދިޔަ އަހަރުތެރޭ ފުލުހުން ހައްޔަރުކޮށްފައިވާއިރު ލަވަކިޔުންތެރިޔާ ބާދް ޝާހް އަދި ބަތަލާ ޖެކްލީން ފެނާންޑޭޒް ވެސް ވަނީ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ސައިބާ ސެލްއަށް ހާޒިރުކޮށްފައެވެ.

comment ކޮމެންޓް