ސީލައިފްގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން އެޗްޑީސީ އިންވެސް ބޭނުންވޭ

ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރަން އިއުލާންކުރި ހައުސިންގް ޔުނިޓްތަކުގެ މޮޑެލެއް---

ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތަކުގެ މައްސަލަ ކޯޓުން ބޭރުން ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލާގައި މަޝްވަރާތައް ބާއްވަމުންދާ ކަމަށާއި އެޗްޑީސީ އިން މަސައްކަތް ކުރަމުންދަނީ ސީލައިފާއެކު މަޝްވަރާކޮށްގެން އެ މައްސަލާގައި ހައްލެއް ހޯދަން ކަމަށެވެ.

ހުޅުމާލޭގައި 3000 އެޕާޓްމަންޓް އަޅަން އިއުލާނުކޮށް، ސީލައިފުން ވަނީ އެކުންފުނިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތަކުގެ ޑައުން ޕޭމެންޓުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް މީހުންގެ އަތުން ނަގާފަ އެވެ. ނަމަވެސް އެކުންފުނިން އެޕާޓްމެންޓުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ ފައިސާ ދެއްކި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ފައިސާ ހޯދުމަށް ދައުވާކޮށްފަ އެވެ. އެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބެލެވޭތީ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ސީ ލައިފް މައްސަލާގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފަ އެވެ.

ސީލައިފުން އެ ޕްރޮޖެކްޓު ހިންގުމަށް އެޑްވާންސްގެ ގޮތުގައި އެޗްޑީސީ އަށް ދެއްކި ފައިސާ، ފްލެޓުތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ދިނުމަށް ސީލައިފުން ހުށަހަޅާފައިވާ ކަމަށާއި އެކަމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއްތޯ ބަލަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހުށަހަޅާފައިވާ އެއްގޮތަކީ، އެޑްވާންސްއަށް ސީލައިފުން އެޗްޑީސީއަށް ދީފައިހުރި އެތައް މިލިއަން ޑޮލަރެއް. އެ ފައިސާ ފްލެޓްގަތުމަށް ދިން ފަރާތައް އެ ފައިސާ ދީފައި، މިކަން ނިންމާފައި، އަލުން ޕްރޮޖެކްތް ކުރިއަށް ގެންދިއުމަށް ތިމަންނަމެންނަށް [ސީލައިފަށް] ފުރުސަތުދޭށޭ،" ރައީސް އެދުވަހު ވިދާޅުވިއެވެ.

ސީލައިފާއެކު އެޗްޑީސީ އިން ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ މާބޮޑު ތަފްސީލެއް ސުހައިލް ހާމައެއް ނުކުރައްވަ އެވެ. ސުހައިލް ވިދާޅުވީ އެކިފަހަރު މަތިން މިހާރު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ބުކިން ފީގެ ގޮތުގައި ކޮންމެ މީހަކު 50،000 ރުފިޔާ ދެއްކި އިރު އެއަށް ވުރެ ގިނައިން ފައިސާ ދެއްކި މީހުން ވެސް އެބަތިއްބެވެ.

ބޮޑު އަދަކުން އާންމުންގެ އަތުން ފައިސާ ނެގުމަށްފަހު އެކުންފުނީގެ ވެރިން ފިލާފައިވާ ކަމަށް ފްލެޓް ގަތް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމާ ގުޅިގެން މަކަރާއި ހީލަތް ހެދުމާއި ވައްކަމުގެ ތުހުމަތުގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލުން މިދިޔަ އެޕްރީލް މަހު ރެޑް ނޯޓިސްވެސް ނެރުނެވެ.

comment ކޮމެންޓް