2054 ގައި ރާއްޖޭގެ އާބާދީ މިލިއަނަކަށް އަރާނެ

ސިނަމާލެ ބްރިޖު އާންމުންނަށް ދައްކާލުމުގެ ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ފަންސާސް ހަތަރުވަނަ އަހަރު ރާއްޖޭގެ އާބާދީ އެއް މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

ދުނިޔޭގެ އާބާދީ ދުވަހާ ގުުޅިގެން އެ ބިޔުރޯ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީ މިހާރު އިތުރުވަމުން އަންނަ ރޭޓަށް ބަލާއިރު 2054 އަންނައިރު ރާއްޖޭގައި 557،537 ދިވެހިން އަދި 416،822 ބިދޭސިން އުޅޭނެ އެވެ.

މިހާރު ރާއްޖޭގެ އާބާދީގައި ދިވެހިންގެ އަދަދަކީ 372،739 އެވެ. ބިދޭސިންގެ އަދަދު 161،202 އަށް އަރާކަމަށް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައް ކައެވެ. މި ތަފާސް ހިސާބުތަކަށް ބަލާއިރު 2048 ވަނަ އަހަރާއި ހަމައަށް ދާއިރު ރާއްޖޭގެ މިހާރުގެ އާބާދީ ދެގުނަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެ އިދާރާއިން ލަފާކުރާގޮތުގައި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީގެ 54 ޕަސެންޓް މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގަ އެވެ.

މަސައްކަތް ކުރާ އާބާދީ އަށް ބަލާއިރު އާބާދީގެ 40 ޕަސެންޓް އަންހެނުން އާމްދަނީ ހޯދަނީ އިންފޯމަލް ސެކްޓާ ނުވަތަ ނުރަސްމީ މަސައްކަތްތަކުންނެވެ. އޭގެ ތެރޭގައި ގޭގައި ތިބެގެން ކުރާ އާމްދަނީ ލިބޭ މަސައްކަތްތައް ފާހަގަކުރެވެ އެވެ.

އާބާދީގައި ހިމެނޭ މަސައްކަތް ކުރާ އުމުރުގެ ފިރިހެނުންގެ ތެރެއިން އާމްދަނީ ލިބޭ މަސައްކަތް ކުރަނީ 61 ޕަސެންޓް މީހުން ކަމަށާއި އާމްދަނީ ލިބޭ މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތަކީ 39 ޕަސެންޓް ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

މީގެ އިތުރުން އިގްތިސޯދީ ގޮތުން ހަރަކާތްތެރި ނުވާ ފިރިހެނުންގެ ނިސްބަތަކީ 28 ޕަސެންޓެވެ. އަންހެނުންގެ ނިސްބަތަކީ 72 ޕަސެންޓެވެ. މިއީ 15 އަހަރުން މަތީގެ އާބާދީގެ 42 ޕަސެންޓް ކަމަށް ސްޓެޓިސްޓިކް ބިޔުރޯ އިން ހާމަކޮށްފައިވެ އެވެ.

އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތަށް ބަލާއިރު 2014 ވަނަ އަހަރު އާބާދީގެ 4.8 ޕަސެންޓަކީ ދުވަސްވީ މީހުންނެވެ. 2050 އަންނައިރު އާބާދީގެ 14.7 ޕަސެންޓަކީ ދުވަސްވީ މީހުންނަށް ވާނެ ކަމަށާއި 2014 ވަނަ އަހަރާއި އަޅާ ބަލާއިރު 2054 ވަނަ އަހަރު އާބާދީގައި ދުވަސްވީ މީހުންގެ އަދަދު ދެގުނަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ދެހާސް ތިރީސްވަނަ އަހަރުން ފެށިގެން ރާއްޖޭގެ އާބާދީގައި ކުޑަކުދިންގެ ނިސްބަތް ދަށްވާނެ ކަމަށާއި އެއީ އުމުރުން ދުވަސްވީ މީހުންނާއި ދަރިމައިނުވާ މީހުން އިތުރުވާނެތީ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އާބާދީ ކުރިއަށް ލަފާކުރުމުގެ މައިގަނޑު ބޭނުމަކީ، އާބާދީ އަށް ބޭނުންވާ ކަންކަމުގެ ސިޔާސަތުތައް ކުރިއާލާ ކަނޑައެޅުމެވެ. އެގޮތުން ތައުލީމާއި ސިއްހަތާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް އާބާދީ ކުރިއަށް ލަފާކުރާގޮތް ކަނޑައެޅުން މުހިއްމެވެ.

އދ.ގެ ތަފާސްހިސާބުތަކަށް ބަލާއިރު 2050 އަންނައިރު ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރާނެއެވެ. މިހާރު ދުނިޔޭގެ އާބާދީ އަކީ 7.7 ބިލިއަން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް