ފަހަތުން އަރައި ޓީސީއިން ގްރީން ސްޓްރީޓާ އެއްވަރު ކޮށްފި

ޓީސީ ސްޕޯޓްސް ކުލަބާއި ގްރީންސްޓްރީޓް ދިވެހި ޕްރިމިއާ ލީގުގައި ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު

މި އަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ގްރީންސްޓްރީޓުން ދެ ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ޓީސީއިން އެއްވަރު ކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައ ރޭ ކުޅުނު އެ މެޗުން މި ދެ ޓީމު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާ އެކު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ޓީސީއިން ތާވަލުގެ ދެވަނައަށް ޖެހިލި އިރު އެ ޓީީމާއި އެންމެ ގާތުން ވާދަ ކުރާ މާޒިޔާއަށް މިހާތަނަށް އެއް މެޗު މަދުން ކުޅެ ހަތް ޕޮއިންޓް ލިބިފައިވެ އެވެ. ގްރީންސްޓްރީޓަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.

ޓީސީ ސްޕޯޓްސް ކުލަބާއި ގްރީންސްޓްރީޓް ދިވެހި ޕްރިމިއާ ލީގުގައި ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު

އެންމެ ފަހުން އީގަލްސްއާ ކުޅެ އެއްވަރުވި މެޗުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ތިން ބަދަލަކާ އެކު ރޭގެ މެޗަށް ގްރީން ނުކުތީ ތަޖުރިބާކާރު ޓީމަކާ އެކު އެވެ. އެގޮތުން ރިލްވާން ވަހީދު (ރިލޭ)، މުހައްމަދު ރިސްވާން (ފުކޭ)ގެ އިތުރުން މިސްރުގެ ޑިފެންޑަރު އަލްސައީދު މަހުމޫދަށް ވަނީ ފުރަތަމަ އެގާރައިގައި ހިމަަނައިފަ އެވެ.

އަނެއްކޮޅުން ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ޓީސީގެ ބައެއް ކުޅުންތެރިންގެ ފިޓްނަސް މައްސަލަތައް ދިމާވެފައިވާ ކަން އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް އާތީ ވަނީ ފާހަގަކޮށްފަ އެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމުން ވެސް ދިޔައީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ހާފުގައި ދެ ޓީމަށް ވެސް އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

ދެވަނަ ހާފު ފެށިގެން ދިޔައީ ގްރީންސްޓްރީޓުގެ ގޯލަކުންނެވެ. އެ ހާފު ފެށިގެން ދެވަނަ މިނަޓުގެ ތެރޭގައި މުހައްމަދު އުމެއިރު ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން މި ގޯލު ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އައްމަޑޭގެ ގޯލާ އެކު ޓީސީ ސްޕޯޓްސް ކުލަބަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ގްރީންއިން ވަނީ އިތުރު ގޯލެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާން) އެވެ.

ގްރީންސްޓްރީޓުގެ ދެވަނަ ގޯލާ އެކު ޓީސީއަށް ހޭލެވި ކުޅުމުގެ ތެރެއަށް އަލުން ވަދުނެވެ. އެ ޓީމުން ކުރި ބުރަ މަސައްކަތުން މެޗުގެ 70 ވަނަ މިނަޓުގައި ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އިސްމާއިލް އީސާ (މެސީ) އެ ޕެނަލްޓީ ގޯލަށް ފޮނުވާލުމާ އެކު ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ އެވެ.

އަދި މެޗު ނިމުމުގެ ކުރިން ޓީސީއިން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައި ގްރީންގެ އަތް ދަށުން ޕޮއިންޓެއް އަތުލައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އިޝާން އިބްރާހިމް (ސައްޓު) އެވެ.

ރޭގެ މެޗުގައި ގްރީންސްޓްރީޓުގެ ކެޕްޓަން އަލީ އަޝްފާގުގެ ފަރާތުން ފެނުނީ ތަންކޮޅެއް އާދައިގެ ކުޅުމެެވެ. އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުން އެއްވަރުވީ ޓީމަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

ލީގުގައި ދެން ގްރީންސްޓްރީޓް ކުޅޭ މެޗުގައި ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

comment ކޮމެންޓް