އެމެރިކާގެ އަންހެން ފުޓުބޯޅަ ޓީމަށް ޓްރަމްޕުގެ ދައުވަތެެއް

އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕް --- ފޯޓޯ/ކްރިސްޓީ ޗިއަޕެލީ

ފްރާންސްގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑް ކަޕުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެގައުމުގެ ރިޔާސީ ގެކޮޅު ކަމަށްވާ ވައިޓް ހައުސްއަށް ދައުވަތު ދޭނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މުބާރާތުގެ ޑިފެންޑިންގް ޗެމްޕިއަނުން ކަމަށްވާ ޔޫއެސްއޭއިން އެންމެ ފަހުން ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ވަނީ ސްޕެއިން ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. އެ މެޗުގައި އެ ޓީމަށް ދެ ގޯލު ޖަހައިދިން ޓީމުގެ ކެޕްޓަން މެގަން ރެޕިނޯ ވަނީ މެޗަށްފަހު ޓްރަމްޕްއާ ދެކޮޅަށް ހޫނު ބަސްތަކެއް ރައްދުކޮށްފައެވެ.

ރެޕިނޯ ބުނީ އެމެރިކާއަށް މިފަހަރުގެ ތަށި ދިފާއު ކުރެވިއްޖެނަމަ އެމެރިކާގެ ވައިޓް ހައުސްއިން ދައުވަތު ދިނަސް ނުދާނެ ކަމަށެވެ. އޭނާ މިހެން ބުނެފައި ވަނީ އެމެރިކާގައި ފުޓުބޯޅަ ކުރިއަރުވަން އެގައުމުގެ ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެއެވެ. އެމެރިކާގެ އެއް ނަންބަރު ކުޅިވަރަކީ ބާސްކެޓެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ސަމާލުކަމަށް މިކަން އައުމުން އޭނާ ވަނީ ޓްވީޓެއް ކުރައްވާފައެވެ. ޓްރަމްޕް އެ ޓްވީޓުގައި ވިދާޅުވީ އެމެރިކާގެ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަން، އެ ޓީމުން ވޯލްޑް ކަޕުގެ ތަށި ދިފާއު ކޮށްފިނަމަ ވައިޓްހައުސްއަަށް ނާންނާނެ ކަމަށް ބުނި ބުނުން ކުށްވެރިކުރާ ކަމަށެވެ.

"ވޯލްޑް ކަޕުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ވައިޓްހައުސްގެ ދައުވަތު ޓީމަށް ލިބޭނެ. އަހަރެންނަކީ އެމެރިކާ ޓީމުގެ ވަރަށް ބޮޑު ސަޕޯޓަރެއް. ހާއްސަކޮށް އަންހެނުންގެ ފުޓުބޯޅަ ވަރަށް ގިނައިން ބަލަން. މެގަން ފުރަތަމައިން ކުރަން އުޅޭ ކަންތައް ނިންމާފައި ވާހަކަ ދެއްކުން އެދެން،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ޓީމުގެ ޖާޒީއަށާއި ދިދައަށް އިހުތިރާމް ކުރުމަށާއި ވައިޓް ހައުސްއިން ދެއްވާ ދައުވަތަކަށް އިންކާރު ކުރުމަކީ ގައުމަށްވެސް އިހްތިރާމް ކުޑަ ކުރުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

comment ކޮމެންޓް