ސޮފްވާން ބްރޯޑްކޮމްއިން ވަކިކުރަން ކޮމިޓީއިން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ ކުރީގެ ނައިބު ރައީސް، އިސްމާއިލް ސޮފްވާން އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.

ކޮމިޝަންގެ މެމްބަރު ސޮފްވާން ކޮމިޝަނުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަވާތާ އަށް މަސް ދުވަސް ވެއްޖެއެވެ.

ސޮފްވާން ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމީ މިއަދު ބޭއްވި، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައެވެ. ސޮފްވާން މަގާމުން ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ، ގަލޮޅު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް ހަލީމް)އެވެ.

މި ހުށަހެޅުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ތާއީދުކޮށް، ސޮފްވާން ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސޮފްވާން ވަކިކުރަން ނިންމި ސަބަބަކީ، އޭނާ ކޮމިޝަނުގެ ވަޒީފާއަށް ނުނިކުންނަވާތީއެވެ.

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވަނީ ސޮފްވާންގެ ހާޒިރީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. ހާޒިރީގައި ވާ ގޮތުން މިދިޔަ ސެޕްޓޭމްބަރު 28 ވަނަ ދުވަހުން ފެށިގެން ކޮމިޝަންގެ އެއްވެސް ބައްދަލުވުމަކަށް ސޮފްވާން ހާޒިރު ނުވެއެވެ. އަދި މި އަހަރުގެ ތެރޭގައި އޭނާ ޗުއްޓީ ނަންގަވާފައިވާކަންވެސް ހާޒިރީ ރިޕޯޓުން އެނގެއެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބުނާގޮތުން އެކަށީގެންވާ އުޒުރެއް ނެތި ކޮމިޝަންގެ ބައްދަލުވުމަށް ކޮމިޝަންގެ މެމްބަރަކު ވިދިވިދިގެން ތިން ބައްދަލުވުމަށް ހާޒިރު ނުވެއްޖެނަމަ، އެއީ މެމްބަރުކަމުން ވަކި ކުރެވިދާނެ ހާލަތެކެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވަކިކުރުމަށް ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅިއެވެ. ނަމަވެސް އެކަށީގެންވާ ފުރުސަތު ނުދީ ހުރިހާ މެމްބަރުން މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުއްވުމާ މެދު ގިނަ މެމްބަރުން ދެކޮޅު ހެއްދެވިއެވެ.

ކޮމިޓީން މިއަދު ނިންމީ ބްރޯޑްކޮމްގެ މެމްބަރުންނާ ގުޅޭ ތަހުގީގު، އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހަށް ނިންމުމަށެވެ. އަދި ތަހުގީގުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއްވެސް މިއަދު ވަނީ އެކުލަވާލައިފައެވެ.

އެ ކޮމިޓީގައި ހިމެނެނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ސޮފްވާން ވަކިކުރުމަށް ނިންމި އިރު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް، ހަސަން ލުތުފީވެސް މަސައްކަތަށް ނުނިކުންނަވާތީ، މަގާމުން ވަކުރުމަށް މަޖލީހަށް ފޮނުވުއްމަށް ކޮމިޓީން މިއަދު ނިންމިއެވެ.

comment ކޮމެންޓް