އުތުރާއި ދެކުނުގައި ވިޔަފާރި ބަނދަރު ގާއިމް ކުރަން ލަފާ ހޯދަނީ

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކުރާ ވިޔަފާރި ބަނދަރުތައް ގާއިމްކުރަން ކޮންސަލްޓެންސީ ދޭނެ ބަޔަކުހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރަން ނިންމާފައިވާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމް ކުރުމަށް، ސްކޯޕިންގެ މަސައްކަތާއި ފީސިބިލިޓީ އެނެލިސިސް ހަދައި ޕްރޮޖެކްޓު އެކުލަވަލުމަށާއި ޓްރާންސެކްޝަން އެޑްވައިޒަރީގެ މަސައްކަތް ކުރާނެ ކޮންސަލްޓެންސީ ފާމެއް ހޯދަން ބޭނުންވެ އެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯ ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ވަނީ ހުޅުވާލައިފަ އެވެ. އިއުލާނުގައި ބުނީ ސަރުކާރުން ހިތްވަރުދެނީ ބައިނަލްއަގުވާމީ ފާމްތަކުން ޕްރޮޕޯޒަލް ހުށަހަޅާއިރު ދިވެހި ފާމްތަކުގެ ބައިވެރިވުމާއެކު ޕްރޮޕޯޒަލް ހުށަހެޅުމަށް ކަމަށެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު އެކަމަށްވެސް ރިއާޔަތްކުރާނެ ކަމަށް ފިނޭންސްގެ އިއުލާނުގައި ބުންޏެވެ.

ޕްރޮޕޯޒަލް ހުށަހެޅުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު ޖޫން 23 ވަނަ ދުވަހުން ފެށިގެން ޖުލައި 18ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޖުލައި 21 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމް ކުރަން ނިންމާފައިވާއިރު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ މަޝްރޫއު އަދި ފަށައިފައެއް ނުވެއެވެ.

މިހާރުވެސް ކުޅުދުއްފުއްޓާއި އައްޑޫގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމްކޮށްފައިވެ އެވެ.

comment ކޮމެންޓް