އުރީދޫއިން މިފަހަރު ދަނޑުވެރިންނަށް ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި

އުރީދޫން ވަނީ ދަނޑުވެރިންނަށް ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފައި--- ފޮޓޯ/ އުރީދޫ

ރާއްޖޭގެ ހުރިހާ ދަނޑުވެރިން ގުޅުވައިލައިދީ އެއް ދަނޑުވެރިއަކު އަނެއް ދަނޑުވެރިއަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ ހާއްސަ ޕެކޭޖެއް އުރީދޫ އިން މިއަދު ތައާރަފްކޮށްފިއެވެ.

ފިޝަރީސް އެންޑް އެގްރިކަލްޗަ އާއި ގުޅިގެން އެ ޕްލޭން ތައާރަފްކުރިއިރު އެ މިނިސްޓްރީއާ އެއްކޮށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޑރ އައިމިނަތު ޝާފިއާއެވެ.

ޕެކޭޖް ޕްލޭން ތައާރަފްކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އުރީދޫއިން ތައާރަފްކުރެވުނު ޕެކޭޖުގެ ސަބަބުން ދަނޑުވެރިކަން ހިންގުމަށް އިތުރު ހަލުވި ކަމެއް ލިބިގެންދާނެ ކަމަށެވެ. އުރީދޫއިން ދަނޑުވެރިންގެ ގޮތުގައި ރެޖިސްޓްރީވެފައި 7000 އަށް ވުރެ ގިނަ ދަނޑުވެރިން ތިބި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ޕްލޭން އިން އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ލިބޭނެ. އަދި ފޯރުކޮށްދޭން ބޭނުންވާ ބައެއް މައުލޫމާތުތައް އެސްއެމްއެސް މެދުވެރިކޮށް ފޯރުކޮށްދެވޭނެ. އަދި މިނިސްޓްރީއިން ތައްޔާރުކުރާ ލުއިފޮތްތައް ބްރައުޒް ކުރެވިގެންދާނެ،"

ތަފާތު ކަންތައްތައް ކުރުމަށް ފަހިވެގެންދާނެ ފުރުސަތެއްކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ ދަނޑުވެރިންގެ ޕެކޭޖަކީ އެހެން ޕެކޭޖުތަކާ ހިލާފަށް ގިނަ ފައިދާތަކެއް ލިބޭނެ ޕެކޭޖެއް ކަމަށެވެ. އަދި އެ ޕެކޭޖު ގެންގުޅޭ ފަރާތްތަކަށް ދަނޑުވެރިން ބޭނުންވާ ގަސްކާނާ އާއި ގަސް ހައްދަން ބޭނުންވާ ސާމާނު މާލެއިން އެ ތަކެތި ވިއްކާ ފިހާރަތަކުން އިތުރު ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

އުރީދޫއިން ތައާރަފްކުރެވުނު ޕެކޭޖް ޕްލޭންގައި ބާޒާރުގެ އަގުތަކާއި ތަފާތު ކަންކޮޅުތަކުން ދަނޑުވެރިކަމަށް އެއްޗެހި ވިއްކުމުގެ ޕްލެޓް ފޯމް ވެސް ވުޖޫދުވެގެންދާނެއެވެ.

އުރީދޫއިން ވަނީ މިދިޔަ އަހަރު މަސްވެރިންނަށް ހާއްސަ މޯބައިލް ޕެކޭޖެއްވެސް ތައްޔާރުކޮށްފައެވެ.

comment ކޮމެންޓް