މޯދީ ތަގުރީރު ކުރައްވާ ޖަލްސާގެ ވަގުތާމެދު އިދިކޮޅު މެންބަރުންގެ ނުރުހުން

ނަޝީދު މޯދީ އާއި ބައްދަލު ކުރެއްވުން --- ފޮޓޯ: ނަޝީދު// ޓްވިޓާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ބާއްވާ ޖަލްސާ އެޖެންޑާ ކޮށްފައިވާ ވަގުތާމެދު އިދިކޮޅު ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ.

ހޮނިހިރު ދުވަހުގެ ޖަލްސާގެ ވަގުތާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ މަޣްރިބު ނަމާދާއި އިޝާނަމާދާ (ދެ ނަމާދު ދޭތެރެ) ދޭތެރެއަށް ވާގޮތަށް އެޖެންޑާ ކުރުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. މިއީ މަޖިލީހުގެ ރައީސް، ދީނާއި ސިޔާސަތު ވަކިކުރުމުގެ ސިޔާސަތެއް ގެންގުޅުވާ ކަމުގެ އިޝާރަތެއްގެ ގޮތުގައި ޝިޔާމު ސިފަކުރެއްވި އެވެ.

ޕީއެންސީ ތަމްސީލު ކުރައްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މޯދީ ރާއްޖެ ވަޑައިގަތުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ ދެގައުމުގެ ގުޅުން ބަދހިވާނެ ކަމެއް ކަމަށެވެ.

ނަމަވެސް މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދެ ނަމާދު ދޭތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާ ބީރައްޓެހި ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ހަ ރޯދަ ހިފާ މީހުންނަށް ތަކުލީފުތަކެއް ކުރިމަތިވާނެ ކަމެއް. އެހެންވެ އެގަޑީގައި މަޖިލިސް ޖަލްސާ ބާއްވާތީ ކަންބޮޑުވޭ،" އާދަމް ޝަރީފް ވިދާޅުވީ އިންޑިއާ އިން ވެސް ރާއްޖޭގެ ސަގާފަތަށް އިހުތިރާމު ކުރާނެ ކަމަށާއި އަދި ދިވެހި ސަރުކާރުން މާބޮޑަށް އެކަންކަމަށް ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ބޮޑަށް ގަބޫލު ކުރެވެނީ ސްޓޭޓް ވިޒިޓެއް ވީމާ އެހެން ވަގުތެއް ނުލިބުނީ ކަމަށް. އިންޑިއާ އާ އެކު ގުޅުން ބަދަހިކުރުމަށް ދާއީދު ކުރަން. ޖަލްސާ އަށް ދާނަން،" އާދަމް ޝަރީފ ފޭސްބުކް ގައި ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ތަަގުރީރު ކުރައްވާ ޖަލްސާގައި ނީންނަވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވަނީ ވިދާޅުވެފަ އެވެ.

އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ ޓޮމް ވިދާޅުވީ މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ވެސް ބައިވެރިވެ ވަޑައި ނުގަންނަވާ ކަމަށާއި އިންޑިއާގައި މުސްލިމުންނާ ދޭތެރޭ ހިނގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާތަކަށް އިހުތިޖާޖު ކުރުމުގެގޮތުން މޯދީގެ ވާހަކަފުޅު ފެށުމުގެ ކުރިން ޖަލްސާ ދޫކޮށް ނިކުންނަވާނެ ކަމަށެވެ.

"ދީނާއި ސިޔާސަތު ވަކިކުރާ، ސެކިޔުލާ ވިސްނުމަށް ވަކާލާތުކުރާ ފަރާތްތަކުން ރާއްޖެ ސެކިޔުލާ ސްޓޭޓަކަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣްރިބު ނަމާދާއި އިޝާނަމާދާ ދޭތެރެއަށް ހަމަޖެއްސުން،" ޓޮމް ވިދާޅުވި އެވެ.

މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ހޮނިހިރު ދުވަހު ބޭއްވުމަށް މަޖިލީހުގެ ދެވަނަ ޖަލްސާގައި ފާސްކުރީ 80 މެންބަރުންގެ ވޯޓާއެކު އެވެ.

comment ކޮމެންޓް