ރާއްޖެ އަންނަ ފަރާތްތަކަށް އިމިގްރޭޝަނުން އީދު ތަހުނިޔާ ކިޔަނީ ހަދިޔާއިން

ވައިގެ މަގުން ރާއްޖެ އަންނަ މީހުންނަށް މޯލްޑިވްސް އިމިގްރޭޝަނުން ހަދިޔާއިން އީދު ތަހުނިޔާ ކިއުމުގެ ޕޮރުގުރާމެއް ފަށައިފި އެވެ.

މިއަދު ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ފިތުރު އީދު ފާހަގަ ކުރަމުން ދާ އިރު، ރާއްޖެ އަންނަ ކޮންމެ ދަތުރުވެރިއަކަށް ފިތުރު އީދާ ގުޅިގެން އިމިގްރޭޝަނުން އީދު ހަދިޔާ ދޭން ފެށީ މިއަދުއެވެ. އީދު ހަދިޔާ ދިނުމާއި ތަހުނިޔާ ކިޔުމުގެ ހަރަކާތްތައް ފައްޓަވައި ދެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އެވެ.

އިއްޔެވެސް އިމިގްރޭޝަނުން ވަނީ އީދު ހަދިޔާ ދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. އެހެންނަމަވެސް އިއްޔެގެ ހަރަކާތުގައި އީދު ހަދިޔާ ދިނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަކަށް ނޫނެވެ. އިއްޔެ ހަދިޔާ ދީފައި ވަނީ އިމިގްރޭޝަންގެ ހިދުމަތް ހޯދާ ފަރާތްތަކަށެވެ. އެގޮތުން އިއްޔެ ވަނީ ޕާސްޕޯޓުގެ ހިދުމަތް ހޯދި ފަރާތްތަކަށް އީދު ހަދިޔާ ދީފައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އިމިގްރޭޝަންގެ ތަރުޖަމާނު ހުސައިން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދަކީ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކޮށް އިމިގްރޭޝަނުން ދޭ ހިދުމަތްތަކަށް ރައްޔިތުން އަހުލުވެރި ކުރުން ކަމަށެވެ.

"އިމިގްރޭޝަނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެފަދަ ސަގާފަތެއް ބިލްޑް ކުރުން. މުސްތަގުބަލުގައި ވެސް މިފަދަ ކަންތައް ކުރުމަށް ވަނީ ޕްލޭން ކުރެވިފައި" ހަލީލު ވިދާޅުވި އެވެ.

މުވައްޒިފުންގެ މެދުގައި އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު އިމިގްރޭޝަނުގެ ކޮންމެ ޑިޕާޓްމަންޓަކަށް ކޭކު ހަދިޔާ ކުރުމާ ކޭކު ފެޅުން ވެސް ކުރިއަށް ގޮސްފައިވާ ކަން ހާލީލު ފާހަގަ ކުރެއްވިއެވެ.

މިއީ އިމިގްރޭޝަނުން މިފަދަ ހަރަކާތެއް މިހާ ފުޅާކޮށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް