ޖީއެމްއާރުން ޓެކްސް ދައްކަން ނުޖެހޭ ކަމަށް ބުނެ އޭޖީ ލަފާދެއްވި

އޭޖީ ރިފްއަތު: މަސްލަހަތު ފުށުއަރާ މައްސަލަތަކާ ހުރެ އެމަނިކުފާނު ވަނީ ހޫނު ފެނަށް ވެއްޓިފައި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނިން ރާއްޖެ އަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 23 މިލިއަނެއްހާ ޑޮލަރު (354.66 މިލިއަން ރުފިޔާ) އަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން މީރާއަށް ރަސްމީ ގޮތުން ލަފައެއް ދީފައިވާ ކަން ހާމަވެއްޖެ އެވެ.

އެހެން ނަމަވެސް، އެޓާނީ ޖެނެރަލަކަށް އަނިލް ހުންނެވި ދުވަސްވަރު އޭރުގެ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް ސޮއި ކުރައްވާ މީރާއަށް ލަފާ ދީފައި އޮތީ ޖީއެމްއާރުން ރާއްޖޭގައި ވިޔަފާރި ކުރި މުއްދަތުގައި ދައްކަން ޖެހޭ ކަމަށް މީރާއިން ބުނާ ޓެކްސް ފައިސާ އެ ކުންފުނިން ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ މާފު ނުކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެޓާނީ ޖެނެރަލް ކަމާ އިބްރާހިމް ރިފްއަތު ހަވާލުވުމަށް ފަހު އެ ލަފާ ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ އޮފީހުގެ ޑެޕިއުޓީ އޭޖީ ސޮއި ކުރައްވައި މީރާއަށް ފޮނުވި އާ ލަފާގައި ބުނެފައި ވަނީ ޖީއެމްއާރުން ދައްކަން ޖެހޭ ޓެކްސް ފައިސާ އަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ދެކޭ ކަމަށެވެ.

"އޭޖީ އޮފީހުގެ ކުރީގެ ލަފާ ބަދަލުކޮށް [ޖީއެމްއާރުން] ފައިސާ ދޭން ނުޖެހޭ ކަމަށް ބުނެ އާ ލަފައެއް އޭޖީ އޮފީހުން ވަނީ ޑެޕިއުޓީ އޭޖީ ސޮއި ކުރައްވައި ފޮނުވާފައި،" އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ.

އޭޖީގެ ލަފާގެ ކުރިން ރިފްއަތާއި ޖީއެމްއާރުގެ ބައްދަލުވުމެއް

އެ ލަފާ އޭޖީ އޮފީހުން ފޮނުވުމުގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހު އޭޖީ ރިފްއަތު ވަނީ، ޖީއެމްއާރުގެ އިސް ބޭފުޅުންކޮޅަކާ އެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީރު މުހައްމަދުއާ އެކު އޭޖީ އޮފީހުގައި ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އެ ބައްދަލުވުމުގެ މައުލޫމާތު އެނގި ހުރި ފަރާތްތަކުން މިއަދު ބުނި ގޮތުގައި ޖީއެމްއާރުން ދައްކަން ޖެހޭ ކަމަށް މީރާ އިން ބުނާ ޓެކްސް ފައިސާ އަކީ ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް ރިފްއަތު ވަކާލާތު އެ ބައްދަލުވުމުގައި ހާމަކުރެއްވި އެވެ.

ބަދަލު ހޯދަން ރާއްޖެއާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ހުށަހެޅި މައްސަލާގައި ޖީއެމްއާރުގެ ރާއްޖޭގެ ވަކީލެއްގެ ގޮތުގައި މިހާރުގެ އޭޖީ ރިފްއަތު ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ނަމަވެސް، ތުހުމަތުތަކާ ގުޅިގެން އޭޖީ ރިފްއަތު ރޭ ކުރެއްވި ކުރު ޓްވީޓެއްގައި ވިދާޅުވީ އޭނާ މަގާމުގައި ހުންނަވައިގެން ޖީއެމްއާރުގެ މައްސަލާގައި އެއްވެސް ކަމެއް ނިންމަވާފައި ނުވާނެ ކަމަށެވެ. މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވި އެވެ. އަދި ފޯނަށް ގުޅިއަސް، ޖަވާބު ނުދެއްވަ އެވެ.

ޓެކްސް ދައްކަން ޖީއެމްއާރު ދެކޮޅު، މީރާއިން ބުނަނީ ދައްކަން

ޖީއެމްއާރުން ޓެކްސް ދައްކަން ދެކޮޅު ހަދަނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައި ވަނީ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ލިބުނު ފައިސާ އިން އެއްވެސް ޓެކްސްއެއް ދައްކަން ނުޖެހޭނެ ކަމަށް ނިންމާފައިވާތީ ކަމަށް ބުނެ އެވެ. މީރާއިން އެކަން ގަބޫލެއް ނުކުރެ އެވެ.

ޖީއެމްއާރުން ވެލާނާ އެއާޕޯޓް ހިންގުމަށް އުފެއްދި، "ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް" އަށް މިދިޔަ އަހަރުގެ ޖޫން މަހު މީރާ އިން އަންގާފައި ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ނޫނީ ވިޔަފާރި ފައިދާގެ ގޮތުގައި 14.4 މިލިއަން ޑޮލަރު އަދި ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރާއި އެ ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތަށް އެންގީ ވެސް އެ ކުންފުނިން ޒީރޯ ޓެކްސް ބަޔާނެއް މީރާއަށް ހުށަހެޅުމުން އެކަން ބެލުމަށް ފަހު ކަމަށް ވެސް އެނގިފައިވެ އެވެ.

އެ ޓެކްސް ދައްކަން ޖެހޭ ނަމަ، އެ ޒިންމާ ނަގަން ޖެހޭނީ، ޖީއެމްއާރުން ބުނަނީ އެމްއޭސީއެލް އިން ކަމަށް ބައެއް އޮފިޝަލުން ވިދާޅުވި އެވެ. އަދި އެގޮތަށް އެ ކުންފުނިން ބުނަނީ، އާބިޓްރޭޝަންގެ ނިންމުން އޮތް ގޮތް ކަމަށް ވާތީ ކަމަށް ބުނެ އެވެ.

އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް، ނޮވެމްބަރު 15، 2016 ގައި އެމްއޭސީއެލް އިން ވަނީ 271 މިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން ޖީއެމްއާރަށް ދައްކައި ހަލާސްކޮށްފަ އެވެ. ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 80 މިލިއަން ޑޮލަރު ދެއްކީ ނޮވެމްބަރު 10 ގަ އެވެ. އަދި އެއަށް ފަހު، ނޮވެމްބަރު 15 ގައި 191 މިލިއަން ޑޮލަރު ދައްކައި އެ ފައިސާ އެކީ ހަލާސްކުރި އެވެ.

comment ކޮމެންޓް