ޓެކްސީ މީޓަރުގެ އަގުތައް މިދިޔަ ސަރުކާރުން ބުރިޖު ހުރަސްކޮށް ނަގަން ކަނޑައެޅި ފީ އަށް ވުރެ އަގު ބޮޑު ވާނެ ކަމަށާއި ނަމަވެސް މިހާރު ބުރިޖު ހުރަސްކޮށް ޓެކްސީތަކުން ނަގާ ފީއަށް ވުރެ ކުޑަ ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ނިމިދިޔަ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން އޭރު ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި މާލެ އިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެ އަށް، ހުޅުމާލެ އިން ހުޅުލެ އަށް އަދި ހުޅުލެއިން ހުޅުމާލެއަށް 35 ރުފިޔާ އެވެ. ނަމަވެސް އެ އަގުތަކާ ހިލާފަށް ޓެކްސީ ޑްރައިވަރުން ބުރިޖު ހުރަސްކޮށް ކުރާ ކޮންމެ ދަތުރަކަށް މިހާރު ނަގަމުން އަންނަނީ 100 ރުފިޔާ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް މިއަދު "ސަން" އަށް ވިދާޅުވީ، އަގުތައް ކަނޑައެޅުމުގައި ހުރިހާ މަޝްވަރާތައް މިހާރު ނިމި އަގުތައް ނިންމާފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އަގުތައް އިއުލާން ކުރާނީ ރޯދަ މަހުގެ ފަހުކޮޅު ކަމަށެވެ. އަގުތައް ކަނޑައެޅިފައިވީ ނަމަވެސް އަދި ވެސް އިއުލާން ކުރުމުގެ ކުރިން ބަދަލުތަކެއް އަތުވެދާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ، އަގުތައް ކަނޑައެޅުމުގައި ތަފާތު ތިން މަރުހާލާއެއްގައި މަސައްކަތްކޮށްފައިވާ ކަމަށެވެ.
"ޓެކްސީ ޑްރައިވަރުންނާ ބައްދަލުކޮށް، ރައްޔިތުންނާ ބައްދަލުކޮށް އަދި ދަތުރު ކުރުމަށްދާ ހަރަދުތަކާ ހުރިހާ އެއްޗަކަށް ރިއާޔަތްކޮށް އަގުތައް ކަނޑައަޅާފައި ވަނީ." އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ، ކުރީގެ ސަރުކާރުން ކަނޑައެލީ އަގުތައް ކުޑަ ކަމުން ޓެކްސީ ޑްރައިވަރުން ޝަކުވާ ކުރި ކަމަށެވެ. އެގޮތުން ޓެކްސީ މީޓަރު އަގުތައް އިއުލާން ކުރާ އިރު އޭރު ސަރުކާރުން ކަނޑައެޅި އަގުތަކަށް ވުރެ އަގު ބޮޑު ވާނެ ކަމަށާއި ނަމަވެސް ޓެކްސީ ޑްރައިވަރުން މިހާރު ނަގާ 100 ރުފިޔާ އަށް ވުރެ އަގުހެޔޮ ވާނެ ކަމަށެވެ.
"އަގުތައް މިދިޔަ ސަރުކާރުގައި ކަނޑައެޅި އަގަށް ވުރެ ބޮޑު ވާނެ ޔަގީނުން ވެސް އަދި މިހާރު ޓެކްސީތައް އަމިއްލަ އަށް ނަގާ ފީ އަށް ވުރެ ހެޔޮ ވާނެ،" އާދިމް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ، ޓެކްސީ މީޓަރުގައި ފެށޭ ރޭޓަކީ 25 ރުފިޔާ ކަމަށާއި ދެން އަގުތައް ހިނގާނީ ދަތުރުގެ ދިގުމިނަށެވެ.
"ބޭސްރޭޓެއް އިނދެފައި، ފަށާ އިރު އިންނާނެ ރޭޓެއް، ދެން ކޮންމެ ކިލޯ މީޓަރަކަށް އަޅުގަނޑުމެން ކަނޑައަޅާ ވަކި ރޭޓެއް،" އާދިލް ވިދާޅުވި އެވެ.
"ފަށާ އިރު އިންނާނީ މެލޭގެ އެއްތަނުން އަނެއްތަނަށް ނަގާ ވަރު، 25 ރުފިޔާ."
އޭނާ ވިދާޅުވީ މީޓަރުގެ ގޮތުގައި ބޭނުން ކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެއް ކަމަށާއި އެ އެޕްލިކޭޝަން ވާން ޖެހޭނީ މިނިސްޓްރީން ގަބޫލު ކުރާ މިންގަނޑަށް ފެތޭ އެއްޗެއް ކަމަށެވެ.
"އެޕްލިކޭޝަންގައި ހުންނަން ޖެހޭނީ ސަރުކާރުން ގާބޫލު ކުރާ ފީޗާތައް. އެޕްލިކޭޝަންތަކުގައި ހަތަރު ފަސް އެޕްލިކޭޝަންތައް ވެސް ހުރެދާނެ،" އާދިލް ވިދާޅުވި އެވެ.
އެޕްލިކޭޝަނާ ބެހޭ މައުލޫމަތު މިހަފްތާގެ ބުރާސްފަތި ދުވަހު އިއުލާން ކުރައްވާނެ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި އެޕްލިކޭޝަން ކަސްޓަމަރުގެ ފޯނަށް ވެސް އަޅައިގެން ބޭނުން ކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސީ މީޓަރުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ، ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް އެކަނި ކަމަށް އާދިލް ވިދާޅުވި އެވެ.